ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވަން ބޭނުންނަމަ އެމެރިކާއިން އަދާކުރަންޖެހޭ އަގުގެ ކުޑަބޮޑުމިން ހުސްވި ހަފުތާގައި އީރާނުން ވަނީ ދުނިޔެއަށް އިއުލާން ކޮށްފައެވެ. މިއީ އެއްވެސް ބަޔަކު ހީނުކުރާވަރަށްވުރެ ދިގު ލިސްޓެކެވެ. އީރާނުން އެދެނީ ޖުމްލަ ހަ ކަމެކެވެ. މީގެތެރެއިން އެއްވެސް ކަމެއް ދޫކޮށްލެވޭކަށް ނެތެވެ. މި ހުރިހާކަމެއް ފުރިހަމަކުރުމުން މެނުވީ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމެއް ނެތެވެ. އީރާނުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ހަ ޝަރުތުގެ ތެރެއިން އެންމެފުރަތަމަ ޝަރުތަކީ އީރާނުގެ ބަނދަރުތަކަށް ވަނުމާއި ނުކުތުން ހުއްޓުވުމުގެ ނިޔަތުގައި އެމެރިކާއިން ގާއިމުކޮށްފައިވާ ބްލޮކޭޑް އުވައިލުމެވެ. ނުވަތަ ނައްތައިލުމެވެ. މިއީ މިއަހަރުގެ އެޕްރީލް ތޭރަވަނަ ދުވަހުން ފެށިގެން ރައީސް ޓްރަމްޕުގެ އަމުރަށް ގާއިމުކުރެވުނު ބްލޮކޭޑެކެވެ. މިއަހަރުގެ ޖޫން އަށާރައިން ޖުލައި ސާދަޔަށް މި ބްލޮކޭޑް އުވާލައިގެން އޮތުމަށްފަހު އަނެއްކާވެސް ރައީސް ޓްރަމްޕު އަންގައިގެން ޖުލައި ސާދައިން ފެށިގެން ބްލޮކޭޑް ވަނީ އިއާދަކޮށްފައެވެ.
އީރާނުގެ ދެވަނަ ޝަރުތަކީ ދަތިކުރުމުގެ އެންމެހައި ފިޔަވަޅުތައް އުވައިލުމެވެ. އެއްވެސް ފިޔަވަޅެއް އިސްތިސްނާ ނުކޮށް ހަމަ އެންމެހައި ފިޔަވަޅުތަކެވެ. މި ފިޔަވަޅުތަކަކީ ގުނައި އަދަދުކުރަންވެސް ފަސޭހަ ފިޔަވަޅުތަކެއް ނޫނެވެ. އީރާނުގެ ސަރުކާރާއި ސަރުކާރުގެ އެކި އިދާރާތަކާއި އެ އިދާރާތަކަށް ނިސްބަތްވާ ވެރިންނާއި އެމީހުންގެ އާއިލާތަކުގެ މެންބަރުންނާ ދެކޮޅަށްވެސް ފިޔަވަޅުތައް އެބަހުއްޓެވެ. މީގެތެރޭގައި އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާއި އެމެރިކާ މެދުވެރިވެގެން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައްވެސް ހިމެނެއެވެ. މި ފިޔަވަޅުގެ ތާރީޚު ފެށެނީ އީރާނުގެ އިސްލާމީ އިންގިލާބާ ހަމައިންނެވެ. މީގެ 47 އަހަރު ކުރިން 1979 ވަނަ އަހަރާ ހަމައިންނެވެ. އެމެރިކާޔާއި ޔޫރަޕުގެ އިއްތިހާދާއި އ.ދ ގެ ނިޒާމުގެ ތެރެއިން އިއުލާން ކުރެވި ތަންފީޒު ކުރެވެމުންދާ މިޒާތުގެ ފިޔަވަޅުތަކުގެ އަދަދު މިހާރު އެތައް ހާހެކެވެ.
އީރާނުގެ ތިންވަނަ ޝަރުތަކީ އެމެރިކާޔާއި އެމެރިކާގެ ބައިވެރިން ހިފަހައްޓައި ގަނޑުކޮށްފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކުރުމެވެ. އެއީ ކިހައި އަދަދެއްގެ މުދަލަކާއި ފައިސާއެއް ހެއްޔެވެ. އަންދާޒާ ކުރެވިފައިވާ ގޮތުން އީރާނަށް ނިސްބަތްވާ މުދަލާއި ފައިސާގެ ތެރެއިން ސަތޭކަ ބިލިޔަނާއި ސަތޭކަވިހި ބިލިޔަނާ ދެމެދުގެ މިންވަރެެއް ގަޑުކުރެވިފައިވެއެވެ. ހިފެހެއްޓިފައިވެއެވެ. ދުނިޔޭގެ އެކި ބޭންކުތަކުގައެވެ. އެކި ގައުމުތަކުގައެވެ. ފައިސާ ގަޑުކުރުމާއި ހިފެހެއްޓުމުގެ ކަންކަން ފެށިފައިއޮތީވެސް 1979 ގައެވެ. މިހާތަނަށް މިޒާތުގެ ބޮޑު ދެރާޅެއް ފެނިފައިވެއެވެ. އެންމެފުރަތަމަ 1979 އިން 1980 އަށް ބިންދާލި ބޮޑުރާޅެވެ. އޭގެފަހުން 2008 ވަނަ އަހަރުން 2013 އާ ދެމެދު ބިންދައިލި ބޮޑުރާޅެވެ. މި ރާޅުރާޅުގެ ތެރޭގައި ހިފެހެއްޓިފައިވާ އެންމެހައި މުދަލާއި ފައިސާޔަކީ ހަމައެކަނި އެމެރިކާޔާއި ޔޫރަޕުގައި ހުރި ތަކެއްޗެއް ނޫނެވެ. ޗައިނާގައި އެކަނިވެސް ވިހި ބިލިޔަން ޑޮލަރު ހިފެހެއްޓިފައިވެއެވެ. އިންޑިޔާގައި ހަތް ބިލިޔަން ޑޮލަރެވެ.
އީރާނުގެ ޑިމާންޑުތައް ނުވަތަ ޝަރުތުތަކުގެ ތެރެއިން މަތީގައި ބަލައިލެވުނީ އެންމެ ތިން ޝަރުތަށެވެ. އެހިސާބުން އަދިކިރިޔާ ލިސްޓުގެ ދެބައިކުޅަ އެއްބަޔަށް ބަލައިލެވުނީއެވެ. އަދި ބާކީ އެވަރުގެ އެހެން ބައެއް އެބައޮތެވެ. ބަލައިލަމާބަހީއެވެ. އީރާނުގެ ހަތަރުވަނަ ޝަރުތަކީ އީރާނުގެ ވަށަވަށައިގެންވާ ގައުމުތަކުގައި ތިބި އެމެރިކާގެ އެންމެހައި ސިފައިންނާއި ހަތިޔާރު ގެންދިއުމެވެ. އީރާނުގެ ކައިރިއަށް ޖަމާކޮށްފައިވާ ސިފައިން ދުރަށް ޖެއްސުމެވެ. ބޭލުމެވެ. އީރާނުގެ ވަށަވަށައިގެންވާ ގައުމުތަކުގައި އެމެރިކާ ސިފައިންގެ ޖުމްލަ ނަވާރަ މަރުކަޒެއް ގާއިމުކުރެވިފައިވެއެވެ. އެތަންތަނުގައި ތިބި ސިފައިންގެ އަދަދު ބައިލައްކައަށްވުރެ މައްޗެވެ. މީގެއިތުރަށް ގަލްފުގެ ކައިރިއަށް އެމެރިކާއިން ވަނީ ވިހި މަނަވަރުގެ މައްޗަށް އެކުލެވޭ ބިޔަ އަރުމާދެއްވެސް ފޮނުވައިފައެވެ. އެއްގަމުގައި ހަރަކާތްތެރިވާ ސިފައިންގެ ތެރެއިން އެންމެ ބިޔަ ލަޝްކަރެއް ގާއިމުކުރެވިފައިވަނީ ކުވޭތުގައެވެ. އެތަނުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު ސާދަހާހަށް އަރައެވެ.
އީރާނުގެ ފަސްވަނަ ޝަރުތަކީ އެމެރިކާޔާއި އެމެރިކާގެ ބައިވެރިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަގުރާމައަށް ދާއިމީ ނިމުމެއް ގެނައުމެވެ. ހަމައެކަނި އީރާނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނެއް ނޫނެވެ. އީރާނުގެ ރަހުމަތްތެރި ގައުމުތަކާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނަށްވެސް ދާއިމީ ނިމުމެއް ގެންނާންޖެހެއެވެ. އޭގެތެރޭގައި ލުބުނާނާ ދެކޮޅަށް އިޒްރޭލުން ދޭތެރެ ދޭތެރެއިން ދެމުންދާ ހަމަލަތަކާއި ޔަމަނުގެ ހޫސީންނާ ދެކޮޅަށް އެމެރިކާ، އިޒްރޭލް، ސައޫދީއަރަބިޔާ އަދި ޔޫއޭއީން ދެމުންދާ ހަމަލަތައްވެސް ހިމެނެއެވެ. މީގެ އިތުރަށް އިރާގުގެ އެކި ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާޔާއި އިޒްރޭލް އަދި ސައޫދީން ދެމުން އަންނަ ހަމަލަތަކާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އެނޫންވެސް އެކި ޖަމާއަތްތަކާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ އުދުވާން ދާއިމީ ގޮތަކަށް ހުއްޓައިލުމަކީ މި ނުގުތާގައި ޝަރުތުކުރާ ކަމެކެވެ. އެހެންވީމާ މިއީ ހަމައެކަނި އެމެރިކާއަށް ފުރިހަމަ ކުރެވެންއޮތް ޝަރުތެއް ނޫނެވެ. އެމެރިކާގެ އެންމެގާތް ބައިވެރިންގެ ޒިންމާވެސް އެބައޮތެވެ.
ދެންއޮތީ މި ލިސްޓުގެ އެންމެފަހު ޑިމާންޑެވެ. ޝަރުތެވެ. އޭގައި ބުނަނީ އެމެރިކާޔާއި އިޒްރޭލުން ހުސްވިއަހަރު ޖޫންމަހު އީރާނާ ދެކޮޅަށް ހިންގި އުދުވާނާއި އަދިއޭގެފަހުން މިއަހަރުގެ ފެބްރުއަރީ އަށާވީހުގައި ފެށި އުދުވާނުގެ ސަބަބުން އީރާނަށް ލިބުނު ގެއްލުންތަކުގެ ފުރިހަމަ މާލީ ބަދަލެއް ދިނުމެވެ. ޝަހީދުވެފައިވާ މީހުންގެ މަރުގެދިޔައާއި ހަލާކުވި އިމާރާތްތަކާއި ތަންތަނުގެ އަގުވެސް ހިމެނޭގޮތުންނެވެ. އަންދާޒާ ކުރެވިފައިވާ ގޮތުން މި ހަގުރާމައިގައި އީރާނަށް ތިންސަތޭކަ ބިލިޔަން ޑޮލަރަށްވުރެ ކުޑަނޫން މިންވަރެެއްގެ ގެއްލުންތައް ލިބިއްޖެއެވެ. މީގައި އެބުނަނީ އެއަދަދަށް ބަދަލުދޭންޖެހޭނެ ވާހަކައެވެ. އެބަދަލުތަކާއި އަދި އޭގެކުރިން ބަޔާންކުރެވުނު ފަސް ޝަރުތު މުޅިން ފުރިހަމަ ނުކުރާހާ ހިނދަކު ހޮރުމުޒް ކަނޑުއޮޅި އޮންނާނީ ބަންދުކުރެވިފައި ކަމަށް އީރާނުން އެއޮތީ އިއުލާން ކޮށްފައެވެ. އެންމެ އުޅަނދަކަށްވެސް އެ ކަނޑުއޮޅި ހުރަސް ނުކުރެވޭނޭކަން ސާފުބަހުން އެއޮތީ އަންގައިފައެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް