އެޕަލް ކުންފުނިން އުފެއްދި 'އައިފޯން އެކްސް' އަކީ މުއްދަތު ހަމަވެފައިވާ ނުވަތަ 'އޮބްސޮލީޓް' އުފެއްދުމެއްގެ ގޮތުގައި އެ ކުންފުނިން މިއަދު ކަނޑައަޅައިފިއެވެ.

އެޕަލް އިން މިއަދު އަޕްޑޭޓްކޮށް އާންމުކުރި ސަޕޯޓް ޑޮކިއުމަންޓެއްގައި ބުނެފައިވާ ގޮތުގައި، އައިފޯން އެކްސްގެ އިތުރުން 2018 ވަނަ އަހަރު ނެރުނު 15 އިންޗީގެ މެކްބުކް ޕްރޯ ވެސް މިހާރު ވަނީ އޮބްސޮލީޓް ލިސްޓަށް އިތުރުކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި، މި ލިސްޓަށް އުފެއްދުމެއް އިތުރުކުރުމުން، އެޕަލް ސްޓޯރުތަކުންނާއި އެޕަލް އިން ހުއްދަދީފައިވާ ސާވިސް ޕްރޮވައިޑަރުން މެދުވެރިކޮށް އެ ޑިވައިސްތަކަށް ހާޑްވެއާގެ އެއްވެސް މަރާމާތެއް ދެން ނުލިބޭނެއެވެ. އެ ޑިވައިސްތަކުގެ ސްޕެއާ ޕާޓްސް ވެސް ދެން އޯޑަރު ނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެޕަލްގެ ރަސްމީ ސިޔާސަތުގައިވާ ގޮތުން، އުފެއްދުމެއް އޮބްސޮލީޓް ކަމަށް ކަނޑައަޅަނީ އެ އުފެއްދުމެއް ވިއްކުން ހުއްޓާލާތާ ހަތް އަހަރު ފުރިހަމަވުމުންނެވެ. އައިފޯން އެކްސް ވިއްކުން އެޕަލް އިން ރަސްމީކޮށް ހުއްޓާލީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. ނަމަވެސް، ބައެއް ގައުމުތަކުގެ ގާނޫނުތައް ހުންނަ ގޮތުން، 10 އަހަރާ ހަމައަށް ބައެއް ހާލަތްތަކުގައި ސްޕެއާ ޕާޓްސް ލިބެން ހުރެދާނެ ކަމަށް އެޕަލްގެ ގައިޑްލައިންތަކުގައި ބަޔާންކޮށްފައިވެއެވެ.

މީގެ ނުވަ އަހަރު ކުރިން 2017 ވަނަ އަހަރުގެ ނޮވެންބަރު މަހު ތައާރަފުކުރި އައިފޯން އެކްސް އަކީ އެޕަލް އިން ފޭސް އައިޑީ އަދި އޯލެޑް ޑިސްޕްލޭ ބޭނުންކޮށްގެން ނެރުނު ފުރަތަމަ ފޯނެވެ. އަދި އެއީ ހޯމް ބަޓަން ނުލައި އެ ކުންފުނިން ފަރުމާކުރި ފުރަތަމަ ފޯނު ވެސް މެއެވެ.

އައިފޯން އެކްސް އަށް އެންމެ ފަހުން ލިބިފައިވަނީ އައިއޯއެސް 16 ގެ އަޕްޑޭޓްތަކެވެ. އައިއޯއެސް 17 އިން ފެށިގެން އެ ފޯނަށް ސޮފްޓްވެއާ އަޕްޑޭޓް ދިނުން އެޕަލް އިން ވަނީ ހުއްޓާލާފައެވެ. އެޕަލް އިން ރަސްމީކޮށް މަރާމާތުކުރުން ހުއްޓާލުމާ ގުޅިގެން، މި ފޯނު ގެންގުޅޭ މީހުން ދެން ހާޑްވެއާ މައްސަލަތައް ހައްލުކުރަން ޖެހޭނީ އަމިއްލަ މަރާމާތުކުރާ ތަންތަން މެދުވެރިކޮށެވެ.