ހުޅުމާލޭ ފޭސް ދޭއްގައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަމުންދާ ފުލެޓް ޓަވަރުތަކުގެ އާންމު ސަރަހައްދުތަކަށް ކުނި އެޅުން ހުއްޓުވުމަށްޓަކައި، އެ ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

އެފްޑީސީން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ، ޓަވަރުތަކުގެ ކައިރިއަށް ކުނި އުކާލާ ގޮތް މިހާރު ކެމެރާގެ އެހީގައި މޮނިޓަރ ކުރަމުންދާނެ ކަމަށެވެ. އަދި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތައް މި ނިޒާމުގެ އެހީގައި ދެނެގަނެ، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެފްޑީސީން ބުންޏެވެ.

ފުލެޓްތަކުގެ އާންމު ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް އުކާލާފައިވާ ކުނިތައް ސާފުކުރުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅާ ހަމައަށް އެކަނިވެސް، މިގޮތަށް އުކާލާފައި ހުރި ކުނި ނެގުމަށް 13.4 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަމާން ޓަވަރު ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 670 ޓަނުގެ ކުނި ވަނީ އުކާލާފައެވެ.