އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށް އިރާގުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް، އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ ވިދާޅުވެއްޖެއެވެ.

އިރާގީ ނިއުސް އޭޖެންސީ (އައިއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި އިރާގުގެ ވައިގެ ދިފާއީ ކޮމާންޑް އޮޕަރޭޝަންސް ސެންޓަރަށް ކުރެއްވި ޒިޔާރަތެއްގައެވެ. މި ޒިޔާރަތުގައި އޭނާ ވަނީ އިރާގުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިސް އޮފިޝަލުންނާ މަޝްވަރާކުރައްވައިފައެވެ.

އައިއެންއޭ އިން އާންމުކުރި ބަޔާނުގައި ބޮޑުވަޒީރު ޒައިދީ ވިދާޅުވި ގޮތުގައި، އިރާގުން މިހާރު މަސައްކަތްކުރަމުން އަންނަނީ އެ ގައުމުގެ ގައުމީ ސަލާމަތާއި ސިޔާދަތު ހިމާޔަތްކުރުމަށެވެ. އަވަށްޓެރި އެއްވެސް ގައުމަކާ ދެކޮޅަށް އުދުވާނީ ހަމަލާއެއް ދިނުމަށް އިރާގުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިރާގުގެ ވައިގެ ސަރަހައްދާއި ސިޔާދަތަކީ އެއްވެސް ފަރާތަކަށް ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އިރާގުގެ ވައިގެ ސަރަހައްދަށް ހުއްދަނެތި ވަނުމާއި، ގައުމުގެ ސަލާމަތަށް ބުރޫއަރާ ފަދަ އެއްވެސް އަމަލަކަށް އެއްވެސް ފަރާތަކުން ޖާގަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޒިޔާރަތުގައި ބޮޑުވަޒީރު ވަނީ އިރާގުގެ ވައިގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވައިފައެވެ. އެގޮތުން، ވައިގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށްޓަކައި އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގަވައިފައެވެ.