އިރާގުގެ ސަރަހައްދުން ފޮނުވާލި ޑްރޯންތަކަކުން ހަމަލާދިނުމާ ގުޅިގެން، ސައުދީ އަރަބިއްޔާގެ އިރުމަތިން ހުޅަނގަށް ގުޅިފައިވާ ތެޔޮ ހޮޅިއެއް ބަންދުކޮށްފިއެވެ.
ސައުދީ އެނާޖީ މިނިސްޓްރީން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު ރިޔާޒް އަދި މަދީނާ ސަރަހައްދުގައިވާ ތެޔޮ ހޮޅިއަށް ދިން މި ހަމަލާތަކުގައި ބަޔަކަށް އަނިޔާވެ ފަރުވާދީފައިވެއެވެ. ނަމަވެސް އަނިޔާވި މީހުންގެ އަދަދާއި އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ހަމަލާއަށްފަހު ވަގުތުން އެ ސަރަހައްދަށް އިމަޖެންސީ އަދި ޓެކްނިކަލް ޓީމުތައް ފޮނުވައި، ތެޔޮ ހޮޅީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތައް ދީފައިވަނީ އިރާގުން ފޮނުވާލި ޑްރޯންތަކަކުން ކަމަށެވެ. ނަމަވެސް، އިރާގުގެ ބޮޑުވަޒީރު އަލީ ފާލިހް އައްޒައިދީގެ އެދިވަޑައިގަތުމަކަށް، މިވަގުތު އެއްވެސް ރައްދު ހަމަލާއެއް ނުދިނުމަށް ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ސައުދީން ބުނި ގޮތުގައި މިގޮތަށް ނިންމީ، އިރާގުގެ ސަރަހައްދު ބޭނުންކޮށްގެން ދޭ ހަމަލާތައް ހުއްޓުވުމަށް އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިރާގު ސަރުކާރަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެހެންނަމަވެސް، ސައުދީގެ ސިޔާދަތާއި، ސަލާމަތާއި، މުހިންމު އުމްރާނީ ވަސީލަތްތަކުގެ އިތުރުން ރައްޔިތުން ހިމާޔަތްކުރުމަށް އަޅާންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ހައްގު އޮންނާނެ ކަމަށް އެ ގައުމުން ފާހަގަކުރެއެވެ.
މި ހަމަލާއާ ގުޅިގެން އިރާގު ސަރުކާރުން ވަނީ ހަމަލާ ކުށްވެރިކޮށް، އެކަން ތަހުގީގުކުރަން ފަށާފައެވެ. އަދި އިރާގުގެ ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި، ސައުދީއަށް ހަމަލާދިން ޑްރޯންތައް ފޮނުވާލާފައިވަނީ އިރާގުގެ މައިސާން ޕްރޮވިންސުންކަން ކަށަވަރުވުމާ ގުޅިގެން، އެ ސަރަހައްދުގެ އަސްކަރީ ކޮމާންޑަރު ވަނީ މަގާމުން ވަކިކޮށްފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް