ޓްރުތު ސޯޝަލްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ޕޯސްޓުތައް އާންމުންނަށް ވުރެ ކުރިން ފެންނަ ގޮތަށް ހަދައިދިނުމަށް މަހަކު 100،000 ޑޮލަރު ނަގާ މައްސަލައެއްގައި ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފިއެވެ.
ނިއުޔޯކްގެ މެންހެޓަން ފެޑެރަލް ކޯޓަށް މި މައްސަލަ ހުށަހެޅީ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ފްރީޑަމް އޮފް ދަ ޕްރެސް ފައުންޑޭޝަނާއި ދަ އިންޓަސެޕްޓް މީޑިއާއިންނެވެ. އެ ފަރާތްތަކުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި، ސަރުކާރުގެ ރަސްމީ ނިންމުންތަކާއި އިއުލާންތައް ފައިސާ ދައްކާ ބަޔަކަށް ކުރިން ލިބޭ ގޮތަށް ހަމަޖެއްސުމަކީ އެމެރިކާގެ ގާނޫނުއަސާސީއާ ހިލާފު، ކޮރަޕްޝަން އެކުލެވޭ އަމަލެކެވެ. އަދި މިއީ އަމިއްލަ ކުންފުންޏަކަށް މާލީ މަންފާ ހޯދައިދިނުމަށް ޓަކައި ރައީސްގެ މަގާމުގެ ނުފޫޒު ބޭނުންކުރުން ކަމަށް ވެސް އެ ދައުވާގައި ތުހުމަތުކޮށްފައިވެއެވެ.
"ޓްރުތު އޭޕީއައި" ގެ ނަމުގައި ޓްރަމްޕް މީޑިއާއިން މިދިޔަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ތައާރަފުކުރި މި ހިދުމަތުގެ ދަށުން، ޓްރަމްޕްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވެންސް ފަދަ ސަރުކާރުގެ އިސް އޮފިޝަލުންގެ ޕޯސްޓުތައް ވެސް ފައިސާ ދައްކާ ފަރާތްތަކަށް އަވަހަށް ފެންނާނެއެވެ. ޓްރަމްޕް މީޑިއާގެ ސީއީއޯ ކެވިން މެކްގާންއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާތަނަށް 10 އަށް ވުރެ ގިނަ ކުންފުނިން ވަނީ މަހަކު 60،000 ޑޮލަރާއި 100،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި މި ހިދުމަތް ހޯދަން ފަށައިފައެވެ.
މި ހިދުމަތް ގަންނަ ފަރާތްތަކުގެ ތެރޭގައި ގިނައީ މާލީ ބާޒާރުގައި ވިޔަފާރިކުރާ ކުންފުނިތައް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ ޓްރަމްޕްގެ ޕޯސްޓުތަކުގެ ސަބަބުން ހިއްސާގެ ބާޒާރަށާއި ތެލުގެ އަގުތަކަށް ބަދަލު އަންނާތީ، އެ މައުލޫމާތު އެހެން މީހުންނަށް ވުރެ ކުރިން ލިބުމަކީ އެ ކުންފުނިތަކަށް މާލީ ގޮތުން ބޮޑު ފައިދާއެއް ކުރާނެ ކަމަކަށް ވާތީއެވެ.
މި ދައުވާއާ ގުޅިގެން ވައިޓް ހައުސް އަދި ޓްރަމްޕް މީޑިއާއިން ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް