މިއަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2026 ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ދުވުމުގެ ރަޖިސްޓްރޭޝަން ހުޅުވާލާފައިވަނީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ދުވުމުގައި މުޅިން އަލަށް ހަތަރު ޓީމު ކެޓަގަރީއެއް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ކޯޕަރޭޓް ޓީމު، ރިޒޯޓް ޓީމު، ރަނިން ކްލަބް އަދި ކޮލެޖު ޔުނިވާސިޓީ ކެޓަގަރީ ހިމެނެއެވެ. މީގެ ކޮންމެ ކެޓަގަރީއެއްގައި ހަތަރު ދުވުންތެރިންގެ ޓީމުތަކަށް ބައިވެރިވެވޭނެއެވެ.

މި ކެޓަގަރީތަކުގެ އިތުރުން ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ދުވުމުގެ އެކި ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމުލަ 296،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ. މިއަހަރުގެ އިވެންޓުގައި ރަޖިސްޓަރީ ކުރެވޭނީ 4000 ބައިވެރިންގެ ލިމިޓު ހަމަވަންދެނެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ދިރާގު ރޯޑް ރޭހަކީ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ދުވުމެއް ކަމަށެވެ. މިއަހަރުގެ މަގުސަދަކީ ވީހާވެސް ގިނަ ބަޔަކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

12 އޮގަސްޓް 2026: ދިރާގު ރޯޑް ރޭސް 2026 އާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ވަންފޮޓޯ/ ހަމްދާން އަހްމަދު

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސްގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުމުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިންވެސް ބައިވެރިވެއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ދުވުމަކީވެސް ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑު ހޯދުމަށް ލިބޭ ފުރުސަތެކެވެ.

މިއަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް، ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ދެ ލައްކަ ރުފިޔާގެ ފައިސާގެ އެހީ ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އަދި ސްޕެޝަލް ބިބް ނަންބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާކުރާނެއެވެ. ނިމިދިޔަ އަހަރު، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވި ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން، ދިރާގުން ވަނީ ޖުމުލަ 685,000 ރުފިޔާ ހަދިޔާކޮށްފައެވެ.