ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރުމަށް "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ގާނޫނުން ދީފައިވާ އިހުތިޔާރު އުވާލައި، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް އާއްމުކޮށް ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
އަންނަމަހު އެކަކުން ފެށިގެން އެ ގާނޫނަށް އަމަލު ކުރަންޖެހޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
ބިލުގެ އިބުތިދާއީ ބަހުސް މިއަދުން މިއަދަށް ނިންމައި މިއަދުގެ ޖަލްސާއިން ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބިލަށް އައްމުންގެ ހިޔާލު ހުށަހަޅަން ހުޅުވައިލީ މާދަމާގެ 11:30 ގެ ނިޔަލަށެވެ.
ކޮމިޓީީން އެގޮތަށް ފާސް ކުރުމާ ގުޅިގެން އެެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ މާދަމާ 11:00 ގެ ކުރިން މާލިއްޔަތު ކޮމިޓީއަށް މައިލްކުރުމަށް ނުވަތަ މަޖިިލިސް އިދާރާއަށް ލިޔުމުން ހުށަހެޅުމަށް މަޖިލިސް އިދާރާއިން ވަނީ އިއުލާންކޮށްފައެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖައާކޮށް، ކެޓަގަރީ އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ކަމަށެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން 100 ޕަސެންޓް ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރުފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކޮށްދިނުމާއި ގާނޫނުން ލާޒިމުވާ މިންވަރަށް އަދި މުއްދަތުގައި ބޭރު ފައިސާ މާރުކުރުމަށް ދިމާވާ ދަތިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށްވެސް ބުނެފައިވެއެވެ.
މިހާރު ގާނޫނުގައި އޮންނަގޮތުން ކެޓަގަރީ އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި މާރުކުރަންޖެހޭނީ އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.
ނަމަވެސް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައިވަނީ، އެ ފަރާރްތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށެވެ.
ނަމަވެސް "ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" ގައި ހިމެނޭ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ރިޒޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނާއި، "ކެޓެގަރީ ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" ގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ އިތުރުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތަކުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 100 ޕަސެންޓް ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭނީ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ ހަތް ޕަސެންޓް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކެވެ.
ގާނޫނުގައި މިހާރު އެކަން އޮންނަނީ 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ފަރާތްތަކެވެ. ނަމަވެސް މި ފައިސާ ޖަމާކުރަންވާނީ އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށްވެސް ބިލުގައިވެއެވެ. އަދި އެ ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަންވާނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
މި ބިލުގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ އެކަކުން ފެށިގެން ކަމަށެވެ. ނަމަވެސް މި ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން މަޖިލީހަށް ބިލު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީ މަރުހަލާވެސް ކުރިއަށްގެންދަން ޖެެހެއެވެ.
މަޖިލީހުން ބިލު ފާސްކުރާނީ ބިލު ކޮމިޓީން ދިރާސާކޮށް ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސްކޮށް ގެންނަންޖެހޭ އިސްލާހެއް އޮތިއްޔާ ހިމަނައިގެންނެވެ.
މި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށޭނީ ބިލު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އެ މަނިކުފާނު ބިލު ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރުމުންނެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް