ރާއްޖޭގެ ފަޅު ރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅައި، އެތަންތަން ކުއްޔަށް ދިނުމާ ބެހޭ އާ ގާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ، މިިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައެވެ.

ނަަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުގައި ސަބް ކޮމިޓީއެއްގެ ގޮތުގައި އެ ބިލު އިގުތިސޯދީ ކޮމީޓީއަށް ފޮނުވަން ފާސްކުރިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް އާންމުކޮށް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އެހެންކަމުން މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް އަދި ކޮމެންޓެއް އޮތްނަމަ، މިމަހު 16 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ، މަޖިލިސް އިދާރާއަށް ލިއުމުން ފޮނުވުމަށް މަޖިިސް އިދާރާއިން ވަނީ އެދިފައެވެ.

މި ބިލުގެ ބޭނުމެއް ކަަމަށް ބިލުގައި ބުނެފައިވަނީ، މިހާރު އަމަލު ކުރަމުންދާ، ގާނޫނު ނަމްބަރު 20/98 (ދިވެހިރައްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު) އުވާލައި، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމާއި ވަކި ބޭނުމަކަށް އެކަށައެޅިފައި ނުވާ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި އެފަދަ ފަޅުރަށްރަށާއި ފަޅުތަކާބެހޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން ކަމަށެވެ.

ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅުތައް އެކަށައެޅުމުގެ އުސޫލު ތަކާއި އެފަދަ ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމުގެ އުސޫލުތަކާއި ޝަރުތުތަކާއި އިޖުރާއަތްތައް ކަނޑައެޅުން ކަމަށެވެ.

ބިލުގައިވާގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތަށް ފަޅުރަށްރަށް، އެކަށައެޅޭނީ ނުވަ ބޭނުމަކަށް ކަމަށްވެސް ބިލުގައިވެއެވެ.

އެކަށައެޅޭ ބޭނުން، ނުވަން ކަންކަން:

  • ފަތުރުވެރިކަމުގެ ބޭނުމަށް
  • ސިނާއީ ބޭނުމަށް
  • މަސްވެރިކަމުގެ ބޭނުމަށް
  • ދަނޑުވެރިކަމުގެ ބޭނުމަށް
  • އިގުތިސޯދީ އެހެން ބޭނުންތަކަށް
  • އިޖުތިމާއީ ބޭނުމަށް
  • ދައުލަތުގެ ބޭނުމަށް
  • އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުމަކަށް

ފަޅު އެކަށައެޅޭނީ އޭގެ ތެެރެއިން ދަނޑުވެރިކަމާއި އިޖުތިމާއީ ބޭނުންތައް ނޫން، އޭގައި ހިމެނޭ ބޭނުންތަކަށް ކަމަށް ބިލުގައިވެއެވެ.

ބިލުގައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށާއި ސިނާއީ ބޭނުމަށް އެކަށައަޅާ ފަޅު ރަށްރަށް ފިޔަވައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް، އެކި ބޭނުންތަކަށް އެކަށައަޅާނީ، އެ ރަށެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަކުންނެވެ.

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން، ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ސިނާއީ ބޭނުމަށް އެކަށައަޅާ ރަށްތައް އެކަށައަޅާނީ، ޓޫރިޒަމާބެހޭ ގާނޫނާއި މި ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ބިލުގައިވާގޮތުން، ވަކި ބޭނުމަކަށް ކަނޑައެޅިފައިނުވާ ފަޅުރަށްރަށަކީ އެ ރަށްރަށް ބެލެހެއްޓުމަށްޓަކައި ވަރުވާއަށް ލިޔެދެވޭނެ ރަށްރަށެވެ.

މި ބިލުގައިވާ ގޮތުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް، ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް ނުވަތަ ރާއްޖޭގައި ރީ ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕަކަށެވެ.

އެނޫން ބޭނުމަކަށް ފަޅުރަށްރަށް ކުއްޔަށް ދެވޭނީ، ދިވެހި ރައްޔިތަކަށް ރާއްޖޭގެ ކަމާބެހޭ ގާނޫނާ އެއްގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއަކަށެވެ.

ބިލުގައިވާ ގޮތުން ރަށެއް އެކުގައި ކުއްޔަށް ދިނުމުގެ ބަދަލުގައި، އެ ރަށެއްގެ ވަކި ބައެއްވެސް ކުއްޔަށް ދެވިދާނެއެވެ.

މި ގާނޫނުގެ ދަށުން ފަޅުރަށެއް ކުއްޔަށް ދެވޭނީ 21 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ކުއްޔަށް ހިފަން އެދޭ ފަރާތުން، އެރަށް ކުއްޔަށް ހިފަން ހުށަހަޅާ މުއްދަތަކީ 21 އަހަރަށްވުރެ ކުރު މުއްދަތަކަށްވެފައި، އެ މުއްދަތަށް ކުއްޔަށް ދިނުމަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ހުއްދަކުރާ ކަމެއް ނަމަ، ގަވާއިދުގައި ކަނޑައަޅާ ގޮތުގެ މަތިން އެއަށްވުރެ ކުރު މުއްދަތަކަށް އެރަށް ކުއްޔަށް ދޫކުރުމުގެ އިހުތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.

މީގެ އިތުރުން ކުއްޔަށް ދީފައިވާ މުއްދަތު ހިމެނޭ ގޮތުން ޖުމްލަ 50 އަހަރުގެ މުއްދަތަށް އެ ރަށުގެ ކުލީގެ މުއްދަތު އިތުރު ކޮށްދިނުމުގެ އިހުތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށުން ކުލި ނަގާނީ، ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ދޫކުރާ ނަމަ، އަކަމީޓަރަކަށް އަހަރަކު ތިން ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް އަކަ މީޓަރަކަށް އަހަރަކަށް ދެ ރުފިޔާ ބައި، އަދި އިޖުތިމާއީ ބޭނުމަށް އަކަމީޓަރަކަށް އަހަރަކަށް ދެ ރުފިޔާއެވެ.

ބިލުގައިވާ ގޮތުން ފަޅު ކުއްޔަށް ދޫކުރެވޭނީ، ލާޖް ސްކޭލް ސިނާއީ މަސައްކަތްތައް ކުރުމަށާއި މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކަށާއި ލާޖް ސްކޭލް އިގުތިސޯދީ މަސައްކަތްތަކަށާއި އެކުއާކަލްޗާ ނުވަތަ އެކުއާކަލްޗަރާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށެވެ.

ލާޖް ސްކޭލް ސިނާއީ މަސައްކަތްތަކަކީ، ސިނާއީ މަސައްކަތްތަކުގެ ތެރެއިން، ފުޅާ ދާއިރާއެއްގައި އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމާއެކު ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކެވެ. އޭގެ ތެރޭގައި ކާރުހާނާ އާއި ޕްލާންޓްތަކާއި އިންސްޓޮކޭޝަންތައް ގާއިމުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކަކީ، ފުޅާ ދާއިރާއެއްގައި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަކާ ނުލައި ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކެވެ. އަދި ލާޖް ސްކޭލް އިގުތިސޯދީ މަސައްކަތްތަަކީ، ސަތޭކަ މިލިއަން ރުފިޔާއަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓް ހިމެނޭ ގޮތުން ހިންގޭ އިގުތިސޯދީ ހަރަކާތްތަކެވެ.

ފަޅުގެ ކުލި ނަގާނީ، ސިނާއީ ބޭނުމުގެ އިތުރުން އިގުތިސޯދީ ބޭނުމަށް، އަކަމީޓަރަކަށް އަހަރަކު ތިން ރުފިޔާ، މަސްވެރިކަމުގެ ބޭނުމަށް އަކަމީޓަރަކަށް އަހަރަކު 50 ލާރީގެ އުސޫލުންނެވެ.

މި ބިލުގައިވާ ގޮތުން ވަރުވާއަށް ލިޔެދެވޭ ރަށްތަށް ދޫކުރެވޭނީ، ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ގާނޫނީ ޝަހުސެއްގެ އިތުރުން، ކުންފުނި، ޕާޓްނާޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި، ކޯޕަރޭޓިވް ސޮސައިޓީއަށެވެ.

މި ގާނޫނާއި ގަވާއިދާ ހިލާފު ވާ ފަރާތްތައް ފަސްލައްކައިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ވަނީ ޖޫރިމަނާ ކަނޑައަޅައިފައެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް ނިމިފައިވާތީ މަޖިލީހަށް ބިލު ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި، މިއަދުގެ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން ބިލު ބަލައިގަންނަން ވޯޓުދެއްވީ ޕީއެންސީގެ 57 މެންބަރުންނެވެ. ބިލު ބަަލައިނުގަންނަން ވޯޓު ދެއްވީ އިދިކޮޅު އަށް މެންބަރުންނެވެ.

މަޖިލީހަށް ބިލު ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލު ފޮނުވިކަން ރިޔާސަތުން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވިއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން މިހާރު އަމަލު ކުރަމުންދާ ގާނޫނު ނަމްބަރު، 20/98 (ދިވެހި ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު) އުވޭނެއެވެ.