މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) ރަސްމީކޮށް އިފްތިތާހުކޮށް، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ ހުޅުލެ އައިލެންޑް ހޮޓަލުގެ ބޯލްރޫމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ ކަމަށެވެ.
ޗާންސެލަރުގެ އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ ޝަރީފެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ހާއްސަ އެވޯޑްތައް ހަވާލުކޮށްދެއްވީ ޗާންސެލަރު ޑރ. ޝައުގީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، އެއިއެމްގެ މަގުސަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި އެ އިންސްޓިޓިއުޓަކީ އެއާޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޭސީއެލުން ދިގު މުއްދަތަކަށް ގެންގުޅޭ ތަސައްވުރު ރަމްޒުކޮށްދޭ ތަނެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޗާންސެލަރު ޑރ. ޝައުގީ ދެއްކެވި ވާހަކައިގައި، ރާއްޖޭގައި ތައުލީމީ އަދި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެމްއޭސީއެލުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ޖުމުލަ 29 ދަރިވަރުން ވަނީ އެއާޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައެވެ. އެއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް، ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ސެޓްފިކެޓް ލެވެލް 3ގެ ކޯހެކެވެ. އެ ކޯސް ކުރިއަށް ގެންގޮސްފައިވަނީ 2025ގެ ޖޫން އެކަކުން އެ އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.
ސެކިއުރިޓީ މެނޭޖްމަންޓް ކޯހަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ކޯހެކެވެ. އެ ޕްރޮގްރާމަކީ ވީއައިއޭއިން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޮމެންޓް