ރައްޔިތުންގެ މަޖިލީހުގެ، މިހިނގާ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 20 އަށް އިތުރުކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިޅީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރު ކުރިއަށްދާނީ، ޖޫން މަހުގެ އެކަކުން ފެށިގެން މި ހިނގާ އޯގަސްޓް ކަމުގެ 15 ގެ ނިޔަަލަށް ކަމަށެވެ.

ނަަމަވެސް މަޖިލީހުން ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން މިމަހު 20 ވަނަ ދުވަހަށް ދައުރު ދަންމާލަން މިއަދު ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަހަރެއްގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް، ބެހިގެންވާނީ ތިން ދައުރުގެ މައްޗަށެވެ.

އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު، އަހަރުގެ އެންމެ ފަހު ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހުއެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މިގޮތަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލިސް ޖަލްސާއިން ފާސްކޮށްގެން ދައުރު ދައްމާލުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ.

އެގޮތުން މަޖިލީހުން ފާސްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަކަ ދައުރުވެސް ކުރިއަށް ގެންދިޔަރީ މެއި މަހުގެ 31 ހުގެ ނިޔަލަށެވެ.