“ގޮނޑި ލިބެނީ ވާރުތައިންނެއް ނޫނެވެ. އަދި ސިޔާސަތަކުންނެއް ވެސް ނޫނެވެ. އެކަން ލިބެނީ ހަމައެކަނި ބާރުންނެވެ. އަދި އެ ދެމިއޮންނަނީ ބިރުންނެވެ.” މިއީ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއާއި އެކްސެލް އެންޓަޓެއިންމަންޓުން އިއްޔެ ނެރުނު “މިރްޒާޕޫރް: ދަ މޫވީ” ގެ ރަސްމީ ޓްރެއިލާގައި ކަލީން ބައްޔާގެ ރޯލު ކުޅޭ ޕަންކަޖް ތްރިޕާތީ ބުނެފައިވާ ވާހަކައެވެ.

އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން ކްރައިމް ތްރިލާ ސީރީޒް “މިރްޒާޕޫރް” ގެ މައްޗަށް އުފައްދާ ފިލްމުގެ ޓްރެއިލާ އާންމުކޮށްފައިވާއިރު، މި ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހު ކަމަށް އުފެއްދުންތެރިން ވަނީ ބުނެފައެވެ. އެކްސެލް އެންޓަޓެއިންމަންޓުން ބުނެފައިވާ ގޮތުގައި، މި ފިލްމަކީ ސީރީޒްގެ ކާމިޔާބީއަށް ފަހު ބޮޑު ސްކްރީނަށް ގެންނަ އިންޑިއާގެ ފުރަތަމަ ވެބް ސީރީޒް ފްރެންޗައިޒެވެ.

https://youtu.be/5vMWZhHPlaw?si=EUr78fIGq-o2TCv5

ޓްރެއިލާއިން ފެނިގެންދާ ގޮތުގައި، ސީރީޒްގެ މުހިންމު ގިނަ ތަރިންތަކެއް މި ފިލްމުން ފެންނާނެއެވެ. އޭގެ ތެރޭގައި ޕަންކަޖް ތްރިޕާތީ (ކަލީން ބައްޔާ)، އަލީ ފަޒަލް (ގުއްޑޫ ޕަންޑިޓް)، ދިވްޔެންދޫ (މުންނާ ބައްޔާ)، ރަސިކާ ދުގާލް (ބީނާ ތްރިޕާތީ)، ޝްވޭތާ ތްރިޕާތީ (ގޯލޫ)، ޝްރިޔާ ޕިލްގާއޮންކަރް (ސްވީޓީ) އަދި އަބީޝެކް ބެނާޖީ (ކޮމްޕައުންޑަރ) ހިމެނެއެވެ. މީގެ އިތުރުން، އާ ތަރިންގެ ގޮތުގައި ޖިތެންދްރަ ކުމާރާއި ރަވީ ކިޝަން ވެސް މި ފިލްމުގެ ކާސްޓާ ގުޅިފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޓްރެއިލާއިން ފެންނަ ގޮތުގައި، މިރްޒާޕޫރްގެ ގޮނޑިއަށް ވާދަކުރުމުގެ ހަނގުރާމަ ފިލްމުގައި އިތުރަށް ވަރުގަދަވެގެންދާނެއެވެ. ހާއްސަކޮށް ކަލީން ބައްޔާއާއި ގުއްޑޫ ޕަންޑިޓާ ދެމެދު އޮންނަ ވާދަވެރިކަން ބޮޑު ސްކްރީނުގައި ފެނިގެންދާނެ ކަމަށް އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ސީރީޒްގެ ފުރަތަމަ ސީޒަނުގައި ފެނިގެންދިޔަ ބަބްލޫ ޕަންޑިޓްގެ ކެރެކްޓަރ މި ފިލްމުން ފެންނާނެ ކަމަށާއި، އެ ރޯލު ކުޅޭނީ ޖިތެންދްރަ ކުމާރު ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، އުފެއްދުންތެރިން އަދި އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ގުރްމީތު ސިންގް ޑައިރެކްޓުކޮށްފައިވާ މި ފިލްމަކީ ޕުނީތު ކްރިޝްނާ ލިޔެފައިވާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ރިތޭޝް ސިދްވާނީއާއި ފަރްހާން އަހްތަރެވެ. އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން ބުނެފައިވާ ގޮތުގައި، މި ފިލްމު ސިނަމާތަކަށް ނެރޭނީ ހިންދީ އަދި ތެލިނގޫ ބަހުންނެވެ.