އިސްލާމީ ކަންތައްތަކަށް އެހީވާ ވަގުފު ފަންޑު ތަރައްގީކޮށް، ފަންޑަށް އެހީވުމަށް މީރާ ވެބްސައިޓް ތެރެއިން ވަގުފުކުރުމާއި ސަދަގާތްކުރުމަށް ގާއިމުކުރެވުނު ލިންކުތަކުން މިއަހަރު މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހަްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ވައިބާ ގްރޫޕުގައި އިއްޔެ ހިއްސާ ކުރެއްވި މައުލޫމާތުގައި މިނިސްޓަރު ވިދާޅުވީ އެފައިސާ ހަރަދުކުރަނީ ވަގުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށް، ވަގުފު ފަންޑު އުސޫލުގައިވާ ގޮތުގެ މަތިން ކަމަށެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފް މަޝްރޫއުތައް ފުޅާކުރުމަށް ނިންމައިފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައިވެސް އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.
ވަގުފް މަޝްރޫއުތަކުގެ ދަށުން މާލޭގައި ތަރައްގީކުރާ އާ ވަގުފު އިމާރާތް "ދާރުލްއަރްގަމް"ގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުގައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ފައިނޭންސިންގެ އެހީގައި ކުރިއަށްގެންދާ އެ އިމާރާތް، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ދާރުލްއަރްގަމްއަކީ 12 ފަންގިފިލާގެ އިމާރަތެއްކަމަށާއި، އެ އިމާރާތުގައި ގިނަ ވަސީލަތްތަކެއް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑް ފްލޯގައި ޕާކިން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފަންގިފިލާގައި ރިސެޕްޝަނެއް އަދި ދެވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެ އިމާރާތް ހުޅުވުމުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެ އާމްދަނީގެ ތެރެއިން 20 ޕަސަންޓް ޒަކާތު ހައުސްއަށް ހާއްސަކުރާއިރު، ބާކީ 80 ޕަސަންޓް ޖަމާކުރާނީ އިސްލާމިކް ވަގުފް ފަންޑަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ކޮމެންޓް