ހޮރުމުޒް ކަނޑުއޮޅީގެ ސައްތައިން ސައްތަ ކޮންޓްރޯލް އެމެރިކާ ކަނޑުގެ ސިފައިން ނަގާފައިވާ ކަމަށް، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި އިއްޔެ ބޭއްވި ހަރަކާތެއްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއިން އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ބްލޮކޭޑަކީ ފޫއަޅުވައި ނުލެވޭނެ ފަދަ “ދަގަނޑު ފާރެކެވެ”. އަދި އެމެރިކާ ބޭނުންވާ އުޅަނދުތަކަށް އެ ސަރަހައްދަށް ވަދެނުކުމެވޭނެ ކަމަށާއި، ނަމަވެސް އީރާނަށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް އެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނަށް ދަތުރު ނުކުރާ އުޅަނދުތަކަށް މިހާރު އެ ކަނޑުއޮޅި ހުޅުވާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، މުޅި ކަނޑުއޮޅިން މައިން ސާފުކޮށްފައިވާ ކަމަށާއި، އީރާނުން ބައެއް ފަހަރު މައިން އެޅި ނަމަވެސް އެމެރިކާ ސިފައިން އެ ތަކެތި ހޯދައި ސާފުކުރަމުންދާ ކަމަށް ވެސް ޓްރަމަޕް ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އީރާނުން ހޯދަން މަސައްކަތްކުރާ ކަމަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވީ، ފާއިތުވި 50 އަހަރުގެ ތެރޭގައި އީރާނުން ދީފައިވާ ގެއްލުންތަކުގެ ބަދަލު އެމެރިކާއިން ވެސް ހޯދާނެ ކަމަށެވެ. މީގެ ތެރޭގައި އީރާނުގައި މުޒާހަރާކުރި މީހުންގެ ތެރެއިން މަރާލާފައިވާ މީހުންގެ އާއިލާތަކަށް ބަދަލު ހޯދައިދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، އެ ގައުމަށް މިހާރު ބޮޑެތި މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އީރާނުގެ އިންފްލޭޝަން 300 އިންސައްތައަށް އަރާފައިވާ ކަމަށާއި، ސިފައިންނަށް މުސާރަ ނުދެވޭ ވަރަށް އެ ގައުމު ބަނގުރޫޓުވެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި އީރާނާ އެކު އެމެރިކާއިން ކުރިއަށްގެންދަނީ ވަރަށް އާދައިގެ މަޝްވަރާތަކެއް ކަމަށާއި، އެ ގައުމަށް އިގުތިސާދީ ގޮތުން އިތުރު ފިއްތުންތައް ކުރިމަތިކުރުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް