ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރުގެ މައްޗަށް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ދިރާސާއެއް ހެދުމަށް ނިންމައި، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމްއާ ދެމެދު ވަނީ މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ދިރާސާގެ އެއްބަސްވުމެކެވެ.

ދިރާސާއާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމެވެ. މި އެއްބަސްވުމުގެ ދަށުން "ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު"ގެ މައްޗަށް ދިރާސާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ދެން ސޮއިކުރެވިފައިވާ އައިޔޫއެމް އިން ކުރިއަށްގެންދާ "އިލްމީ ކުރިއެރުމާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ"ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަގުފު ފަންޑު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމުގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުކާއު އަބްދުލް ހަކީމެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ވިސާލް މޫސާއެވެ.