ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ނުހަދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، އަމިއްލަ މެންބަރެއްގެ ގޮތުގައި އިންނަވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނު އާދަމެވެ.
އެ މެންބަރު ބިލު ހުށަހަޅުއްވަމުން ގެންދެވި އިރުވެސް، އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ގެންދެވީ، އެއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަަމަށް ގޮވަމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ގަވާއިދާށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން ތަކުރާރުކޮށް އިންޒާރު ވެސް ދެއްވިއެވެ.
މި ބިލު ހުށަހެޅުމުން އިބުތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ޒާކިރު ވިދާޅުވީ، އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު އަދި ލާމަރުކަޒީ ނިޒާމާ ވެސް ހިލާފު ބިލެއް ކަަމަށެވެ. އަދި އެއީ ގާނޫނުއަސާސީގައި ރައްޔިތުންނަށް ދީފައިވާ ބާރުތައް ހަނިކުރަން ހުށަހަޅާފައިވާ އިސްލާހެއް ކަމަށްވެސް ވިދާޅުވިއެވެ
އެ ކަމުގެ ސަބަބުން އެއީ ދިވެހި ގިނަ ރައްިތުންގެ ކަންބޮޑުވުން އޮތް އިސްލާހެއް ކަަމަށްވެސް ވިދާޅުވިއެވެ. އަދި އެ އިސްލާހު އަނބުރާ ގެންދަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގައި ސޮއިކުރަމުންދާ ޕެޓިޝަންގައި 500 އަށްވުރެ ގިނަ ރައްޔިތުން ސޮއިކޮށްފައިވާތީ، އެ އިސްލާހު އަނބުރާ ގެންދިއުމަށް ވެސް މެންބަރު ގޮވައިލެއްވިއެވެ.
މައުރޫފު ވިދާޅުވީ، އެ އިސްލާހު ފާސްވެއްޖެނަމަ ރައްޔިތުންނަށާއި ކައުންސިލްތަކަށް ލިބިފައިވާ ބަރުތައް ނިމިގެންދާނެ ކަމަށެވެ. އޭރުން ކައުންސިލްތައް ބޭއްވުމުގެ ބޭނުމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒާކިރުގެ އެ ވާހަކަތަކަށް، ޖަލްސާގެ ރިޔާސަތުގައި އިންނަވައި ރައްދު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުން ފާސްކުރާނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގާނޫނުތައް ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފު ގާނޫނުތަކެއް މަޖިލީހުން ފާސް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ބިލަކީ ސަރުކާރުން އަމިއްލަ މެންބަރެއް ލައްބައި ގޯސް ހެދުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އިދިކޮޅު މެންބަރުން ތުހުމަތު ކުރެއްވުމުން، މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހަށް ބިލް ހުށަހެޅުއްވުމަކީ ކޮންމެ މެންބަރަކަށްވެސް އޮތް ފުރުސަތެއް ކަމަށެވެ.
އިބްރާހިމް ޒަކީ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
ކޮމެންޓް