ކ. ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން، އެކަންކަން އޮޅުންފިލުވައިދިނުމަށް އެދި، ގިނަ ސުވާކުތަަކަކާއެކު، ގަތޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގެ ސިޓީއެއް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ފޮނުއްވައިފިއެވެ.

ސެންޓަރުގެ ހާލަތާ ބެހޭގޮތުން، އެ ތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ކަންބޮޑުވުންތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ކުޑޫ ފޮނުއްވި މި ސިޓީގައި، އެ ސެންޓަރުގެ އިމާރާތުގެ ހާލަތާއި ކާބޯތަކެއްޗާއި އަސާސީ ހިދުމަތްތަކާއި ސެންޓަރު މަރާމާތުކުރުމާއި އެ ތަނުން ދޭ ފަރުވާގެ ބާވަތުގެ އިތުރުން، އެ ސެންޓަރުން ދޭ ފަރުވާގެ ފެންވަރާއި އެ ފަރުވާ ދޭން ތިބޭ މުވައްޒަފުންގެ އިންތިޒާމުތަކާއި ގާބިލުކަމާ ބެހޭގޮތުން އެ ސިޓީގައި ވަނީ މިނިސްޓަރަށް ސުވާލު ހުށަހަޅުއްވައިފައެވެ.

އޭގެ އިތުރުން ފަރުވާއަށް ބޭނުންވެގެން އެ ސެންޓަރަކަށް ދާ ކޮންމެ މީހަކަށް ވެސް ރައްކާތެރި، އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ދިނުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުގައި ހައްގެއް ކަމަށް ބަޔާން ކޮށްފައިވާ ކަމެއްކަންވެސް އެ ސިޓީީގައި ފާހަގަކޮށްފައިވެއެވެ.

އެ ކަންކަން އެގޮތުގައި ފުރިހަމަ ނުކޮށްދެވޭނަމަ، ފަރުވާގެ ނަތީޖާ ގެއްލި، އަލުން މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް މީހާ ދިއުމަށް މަގުފަހިވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ސިޓީގައިވާ ސުވާލުތަކަކީ، އާންމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމަށް ވާތީ ވީހާވެސް އަވަހަކަށް އެ ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް އެ ސިޓީގައި މެންބަރު އެދިވަޑައިގެންފައިވެއެވެ.