ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފަހި ފްލެޓްތައް ކައިރިއަށް އެއްކޮށްފައި ހުރި ކުނިތައް ނެގުމުގެ ޕްރޮގްރާމް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
"މަދިރިން ރައްކާ" ތީމްގެ ދަށުން ކޮމިއުނިޓީ އިވެންޓެއްގެ ގޮތުގައި ފަހި ފްލެޓްތައް ކައިރީ މިއަދު ހެނދުނު ކުރިޔަށްގެންދިޔަ މި ހަރަކާތުގައި އެޗްޑީސީއާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި، ހުޅުމާލެ ފުލުހުންނާއި، މޯޕާގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.
އެ ހަރަކާތް ފައްޓައިދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ބޭރު ގައުމުތަކުގައިވެސް ދިވެހިން މާނަ ކުރެވިފައި އޮންނަނީ ވަރަށް ސާފުތާހިރު ބައެއްގެ ގޮތުގައި ކަމަށެވެ.
"ދިވެހިންނަކީ އެގޭ ޒާތުގައި ވަރަށް ކައިންޑް، ހިނިތުންވެފައި ތިބި ސާފު ތާހިރު ބައެއް. އެހެންވީމަ އަޅުގަނޑުމެންގެ ވެށި ސާފުތާހިރުކޮށް، އަޅުގަނޑުމެންގެ ސާފުތާހިރުކަމާ ގުޅިފައިވަނީ އަޅުގަނޑުމެންގެ ވެށި ސާފުތާހިރު ކަމަށް، އަޅުގަނޑުމެންގެ ސާފުތާހިރުކަމުން. ޒަމާނުއްސުރެ އަޅުގަނޑުމެން ކޮމިއުނިޓީއަކީ ރައްޔިތުންވެގެން ބަލައްޓަމުންދިޔަ ބައެއް. ކޮމިއުނިޓީ ނުކުމެ މަގުތައް ސާފުކޮށް ބަލަހައްޓަނީވެސް. ބަލިމަޑުކަމެއް ޖެހިއްޖެއްޔާ ކޮމިއުނިޓީ ނުކުމެ ބޭސް ޖަހާ ތަން ސާފުކޮށް ބަލަހައްޓާނީ." ޒުހައިރު ވިދާޅުވިއެވެ.
އެޗްޑީސީގެ 200 މުވައްޒަފުން ހިމެނޭހެން މި ހަރަކާތް ހަފުތާގެ އެހެން ދުވަސްތަކުގައިވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އޭގެ އިތުރުން އެ ސަރަހައްދުގެ ސާފުތާރިހުކަން ދެެމެހެއްޓުމަށް ފްލެޓްތައް ކައިރީ ސީސީޓީވީ ބެހެއްޓުމުގެ އިންތިޒާމްތައް ކުރިއަށްގެންދާ ކަމަށް އެފްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާން މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ފާހަގަކުރެއްވިއެވެ. އެ ހަރަކާތް ކުރިއަށްގެންދަނީ ވެމްކޯއިން އެދިފައިވާ ގޮތަށް ތަފާތު ކުނިތައް ވަކިކޮށްގެން ކަމަށް ރަޒާން ވިދާޅުވިއެވެ.
"ކުނިނަގައި ނިމުމުން މިތަން ވަރަށް ބޮޑަށް ސާފުވެގެންދާނެ. އެދުމަކީ ހުރިހާ ރައްޔިތުންވެސް އަޅުގަނޑުމެންގެ ޓީމުތަކާއެކީ މިތަން އަބަދުވެސް ސާފުކުރިގޮތަށް، ސާފުތާހިރުތަނެއްގެ ގޮތުގައި، ހުރިހާ ބޭފުޅުންނަސް ވެސް ބޭނުން ކުރެވޭ ރީތި ތަނެއްގެ ގޮތުގައި ބާއްވައިދިނުން،" ރަޒާން ވިދާޅުވިއެވެ.
މީގެ ކުރިން އެ ސަރަހައްދަށް ބަދަލުވި ރައްޔިތުން އުކާލާ ކުނި ނެގުމަށް، 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެފްޑީސީން މި މަހުގެ ފުރަތަމަ ހަފުތާގައި އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ ކޯޕަރޭޝަނުން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް 8.45 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއީ އޭޕްރިލް މަހު 75.1 ހާސް ރުފިޔާ އާއި، މެއި މަހުން ޖޫން މަހުގެ ނިޔަލަށް 4.95 މިލިއަން ރުފިޔާއެވެ. އެފްޑީސީން ބުނިގޮތުގައި މިހާތަނަށް 5،040 ޓަނުގެ ކުނި އެ ސަރަހައްދުން ވަނީ ނަގައިފައެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް