ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ފަހަތަށް ޖައްސާލުމަށްފަހު، އޭޝިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމު ޗައިނާގެ ޓިކްޓޮކް ކުންފުނީގެ ބާނީ ޒަންގް ޔީމިން ހޯދައިފިއެވެ.
މި ބަދަލާއެކު ޒަންގްގެ މިލްކިއްޔާތު ވަނީ 92.8 ބިލިއަން ޑޮލަރަށް އަރާފައެވެ. އަމްބާނީގެ މިލްކިއްޔާތު 86.9 ބިލިއަން ޑޮލަރަށް ވެއްޓުމާ ގުޅިގެން، އޭނާ ވަނީ އޭޝިއާގެ މުއްސަނދިންގެ ލިސްޓުގެ ތިންވަނައަށް ވެއްޓިފައެވެ. މި ލިސްޓުގެ އެއްވަނައިގައި 117.4 ބިލިއަން ޑޮލަރާއެކު އަދިވެސް އޮތީ އިންޑިއާގެ ގޯތަމް އަދާނީއެވެ.
ޒަންގްގެ މުއްސަނދިކަން ކުއްލިއަކަށް އިތުރުވެފައިވަނީ އޭނާގެ ކުންފުނި، ބައިޓްޑާންސްގެ އަގު މައްޗަށް ދިއުމާއި، ޗައިނާގައި އެ ކުންފުނިން ތައާރަފުކުރި އޭއައި ޗެޓްބޮޓް 'ޑޯބާއޯ' އަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން ކަމަށް މާލީ ތަޖުރިބާކާރުން ފާހަގަކުރެއެވެ. މީގެ އިތުރުން، އެމެރިކާގައި ޓިކްޓޮކް ހިންގުމާ ގުޅޭގޮތުން އޮތް ނުތަނަވަސްކަމަށް ލުޔެއް ލިބުމަކީ ވެސް އިންވެސްޓަރުންގެ އިތުބާރު ބޮޑުވި ސަބަބެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަނެއްކޮޅުން، އަމްބާނީގެ ރިލަޔަންސް އިންޑަސްޓްރީޒްއަކީ ހަކަތައާއި، މުވާސަލާތީ ހިދުމަތްތަކާއި، ރީޓެއިލް ވިޔަފާރީގެ މައްޗަށް ބިނާވެފައިވާ ކުންފުންޏެކެވެ. އޭނާގެ މިލްކިއްޔާތު ދަށަށް ގޮސްފައިވަނީ އިންޑިއާގެ ހިއްސާގެ ބާޒާރަށް އައި ބަދަލުތަކަކާ ގުޅިގެން ކަމަށް ހަބަރުތައް ބުނެއެވެ.
މި ބަދަލުން ދައްކުވައިދެނީ އޭޝިއާގެ އިގުތިސޯދީ މާހައުލަށް އަންނަމުންދާ ހަލުވި ބަދަލުތަކެވެ. ހާއްސަކޮށް، ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކުރިއަރަމުން އަންނަ ކުންފުނިތަކުން، ޒަމާންވީ ސިނާއީ އަދި ހަކަތައިގެ ވިޔަފާރިތަކަށްވުރެ ހަލުވިކަމާއެކު މާލީ ކުރިއެރުން ހޯދަމުން އަންނަކަން މިކަމުން ސާބިތުވާ ކަމަށް ހަބަރުތައް ބުނެެެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ