ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ ރަސަލް ކްރޯ، ސައިފައި އެކްޝަން ތްރިލާ ފިލްމު "ބްލޫފްލައި" ގައި ހަރަކާތްތެރިވާން ނިންމައިފިއެވެ.

މިކަން ކަށަވަރުކޮށްދެމުން ޕްރިޔަންކާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި “ދެން އޮތް މަސައްކަތަށް” މިހެން ލިޔެ ޕޯސްޓެއް ކޮށްފައެވެ. އަދި ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި، ހައިލޭންޑް ފިލްމު ގްރޫޕުން ވެސް ވަނީ މިކަން އިއުލާންކޮށްފައެވެ. ފިލްމީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނިމްރޯޑް އަންޓާލް ޑައިރެކްޓުކުރާ މި ފިލްމުގައި ފެނިގެންދާނީ ކޮންގޯގައި ވެއްޓިފައިވާ ކަމަށް ބުނާ ސިއްރު މަތިންދާބޯޓެއް ހޯދުމަށް އދ. ގެ ތަރުޖަމާނަކު ބްލެކް-އޮޕްސް މިޝަނެއްގައި ބައިވެރިވާ ހާދިސާތަކެކެވެ.

ފިލްމުގެ މައިގަނޑު ޕްލޮޓް ހާމަކޮށްފައިވީ ނަމަވެސް، ޕްރިޔަންކާ އާއި ކްރޯ ކުޅޭނެ ވަކި ރޯލުތަކެއް ރަސްމީ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން، އދ. ގެ ތަރުޖަމާނުގެ ރޯލު ކުޅޭނީ ކާކުކަން އަދި ޔަގީނެއް ނުވެއެވެ.

ހައިލޭންޑް ފިލްމު ގްރޫޕްގެ ސީއީއޯ އެރިއޭން ފްރޭޒަރ ބުނި ގޮތުގައި، ޕްރިޔަންކާ އާއި ކްރޯގެ މޮޅު އެކްޓިންގެ ސަބަބުން މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެއެވެ. ޑައިރެކްޓަރު އަންޓާލް ފާހަގަކުރި ގޮތުގައި މިއީ ވަރަށް ވަރުގަދަ ސައިންސް ފިކްޝަން ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޝޫޓިން މިއަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.