ވިޝޭޝް ފިލްމްސްއިން އުފައްދާ 'އަވާރަޕަން 2' ގެ ރަސްމީ ޓްރެއިލާ އިއްޔެ އާންމުކޮށްފިއެވެ. މިއީ 2007 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު 'އަވާރަޕަން' ގެ ދެވަނަ ބައެވެ. މި ފިލްމުން 19 އަހަރަށް ފަހު، އެމްރާން ހާޝްމީ އަނބުރާ ޝިވަމް ޕަންޑިޓްގެ ރޯލުން ފެނިގެންދާނެއެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި، ޝިވަމްގެ ކިބައިގައި ވަނީ ބަދަލުހިފުމުގެ ރޫހާއި ރުޅިވެރިކަމެވެ. ޓްރެއިލާ ފެށެނީ ވާރޭތެރޭގައި ޝިވަމްގެ މޭމައްޗަށް ދަގަނޑެއް ހަރާލައިފައި އޮންނަ މަންޒަރަކުންނެވެ. އެ މަންޒަރުގައި ޝަބާނާ އާޒްމީ ކުޅޭ ނަފީސާގެ ކެރެކްޓަރު މަރާ ބައްދަލުކުރަން ބޭނުންވަނީތޯ ސުވާލުކުރެއެވެ. އޭގެ ރައްދުގައި ޝިވަމް ބުނަނީ މަރަކީ އޭނާއާ ވަރަށް ކުރީގެ ގުޅުމެއް އޮންނަ އެއްޗެއް ކަމަށެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޓްރެއިލާއިން ފިލްމުގެ އަސްލު ވާހަކަޔާ ގުޅޭ މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެއެވެ. ޓްރެއިލާއިން ކަށަވަރުވަނީ ހަމައެކަނި އެކްޝަން މަންޒަރުތަކާއި، ދިޝާ ޕަޓާނީ އަދި ޝަބާނާ އާޒްމީގެ ބައިވެރިވުމެވެ. މީގެ އިތުރުން ސުވިންދަރް ވިކީ، ވިޖަޔަންތު ކޯލީ އަދި އަތުލް ކުމާރު ފަދަ ތަރިން ވެސް މި ފިލްމުން ފެނިގެންދާނެކަން ޓްރެއިލާއިން ކަށަވަރުވެއެވެ. އަދި ފުރަތަމަ ފިލްމުގެ މަޝްހޫރު ލަވަ "ތޭރާ މޭރާ ރިޝްތާ" ގެ ރާގު ވެސް ޓްރެއިލާގެ ފަހަތުން އިވެއެވެ.
ބިލާލް ސިއްދީގީ ލިޔެފައިވާ މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ނިތިން ކައްކަރް އެވެ. ވިޝޭޝް ބަޓް ޕްރޮޑިއުސްކުރާ މި ފިލްމު ދުނިޔޭގެ ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 14، 2026 ގައެވެ. ރިޕޯޓުތައް ބުނާ ގޮތުން، މި ފިލްމު ސިނަމާތަކަށް ނެރޭ ދުވަހު ސަނީ ޑިއޯލްގެ 'ބަޓްވާރާ 1947' ވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމު ނެރުމުގެ ކުރިން، އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކޭޝަން (ސީބީއެފްސީ) އިން ވަނީ ބައެއް މަންޒަރުތައް އުނިކުރުމަށްފަހު މި ފިލްމަށް ޔޫއޭ 16+ ގެ ސެޓްފިކެޓެއް ދީފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް