އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ފާރިސީ ކަނޑުއޮޅިން މުދާ އުފުލުމަށް ހުރަސްއެޅި، ޖުލައި މަހު ސައުދީ އަރަބިއްޔާއިން އެމެރިކާއަށް އެތެރެކުރި ސާފު ނުކުރާ ތެލުގެ މިންވަރު ސުމަކަށް ވެއްޓިއްޖެއެވެ.

އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (އީއައިއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޖުލައި މަހުގެ ފަސް ހަފުތާގެ ތެރޭގައި ވެސް ސައުދީން އެމެރިކާއަށް ތެޔޮ އެތެރެކޮށްފައެއް ނުވެއެވެ. މިއީ 1985 ވަނަ އަހަރަށް ފަހު، މުޅި މަހެއްގެ މައްޗަށް ބަލާއިރު ސައުދީން އެމެރިކާއަށް ތެޔޮ އެތެރެނުކުރާ ފުރަތަމަ ފަހަރެވެ. މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ކުންފުނިތަކުން ދުވާލެއްގެ މައްޗަށް 8 ލައްކައަށް ވުރެ ގިނަ ފީފާގެ ތެޔޮ ސައުދީން ގަނެފައިވެއެވެ.

ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައުދީން ތެޔޮ ލިބުން ދަތިވުމާ ގުޅިގެން އެމެރިކާގެ ތެޔޮ ސާފުކުރާ ކުންފުނިތަކުން މިހާރު ވަނީ ލެޓިން އެމެރިކާގެ ގައުމުތަކުން ތެޔޮ ގަންނަން ފަށާފައެވެ. އެގޮތުން، އަހަރުގެ ކުރީކޮޅު ލެޓިން އެމެރިކާއިން އެއް ލައްކަ ފީފާގެ ތެޔޮ އެތެރެކުރި ނަމަވެސް، ޖުލައި މަހު އެ އަދަދު ވަނީ 6 ލައްކަ ފީފާއަށް އިތުރުވެފައެވެ.

ސައުދީން އެމެރިކާއަށް ތެޔޮ އެތެރެކުރުން ހުއްޓިފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅިއާއި ރަތް ކަނޑުގެ ސަރަހައްދުން ދަތުރުކުރުމަކީ ނުރައްކާތެރި އަދި ހަރަދު ބޮޑު ކަމަކަށް ވުމުންނެވެ. މިކަމާ ގުޅިގެން ފާރިސީ ކަނޑުއޮޅިން ތެޔޮ ބޭރުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. މީގެ އިތުރުން، ސައުދީން ބޭރުކުރާ ތެލުގެ ޖުމްލަ މިންވަރު ވެސް ޖުލައި މަހު ވަނީ ދުވާލަކު 4.19 މިލިއަން ފީފާއަށް ދަށްވެފައެވެ.