ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން އަތުލައިގެންފިއެވެ.

ކަސްޓަމުން އެކްސްގައި މިރޭކުރި ޕޯސްޓެއްގައި ބުނީ ވައިގެ މަގުން ރާއްޖެއަށް ގެނައި އެ ތަކެތި އަތުލައިގަތީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރީ ނޮވެމްބަރު 15، 2024 އިން ފެށިގެންނެވެ. ގާނޫނަށް ގެނައި ބަދަލުތަކާއެކު، ވޭޕާ ގުޅުންހުރި ކަންކަމުގައި އަމަލުކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ މީހަކު 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެފަދަ ތަކެތި ފުލުހުންނާ ހަވާލުކުރަން އިންކާރުކޮށްފި ނަމަ، 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ގާނޫނުން ވަނީ ދީފައެވެ.

މީގެ އިތުރުން، ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ވޭޕެއް ހިލޭ ދޭ މީހަކު 10،000 ރުފިޔާއިން އަދި ވޭޕް ވިއްކާ މީހުން 20،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އުމުރުން 21 އަހަރު ނުވާ ކުޑަކުދިންނަށް ވޭޕް ވިއްކައިފި ނަމަ އެ މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ގާނޫނުގައިވެއެވެ.