މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސްޓޭކްހޯލްޑަރުންގެ ތެރެއިން، ޝިޕިން އޭޖެންޓުންނާއި އެއާލައިން އޭޖެންޓުން އަދި ފްރައިޓް ފޯވާޑަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި މި ބައްދަލުވުމަކީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭގޮތުން އެމްޕީއެލުން ސްޓޭކްހޯލްޑަރުންނާއެކު ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

އެމްޕީއެލުން ބުނީ މި ބައްދަލުވުމުގެ މަގުސަދަކީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓާ ބަދަލުކުރުމާ ގުޅިގެން، އެ ކުންފުނީގެ އެންމެ މުހިންމު އެއް ސްޓޭކް ހޯލްޑަރުންތައް ކަމަށްވާ ޝިޕިން އޭޖެންޓުންނާއި ސީ ޓޫ އެއާ ކާގޯގެ ހިދުމަތް ދެމުންދާ އެއާލައިންތަކުގެ އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވާޑަރުން ހިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިން ވަނީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން އޮޕަރޭޝަން ލެވެލްގައި ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ތަޖުރިބާގެ އަލީގައި ހިޔާލުތައް ހިއްސާކޮށްފައި ކަމަށް އެމްޕީއެލުން ބުންޏެވެ.

މި މަޝްރޫއާ ގުޅިގެން އެމްޕީއެލުން މިހާތަނަށް ސަރުކާރުގެ މިނިސްޓްރީތަކާއި ކަމާގުޅޭ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާ ވެސް ވަނީ ބައްދަލުކޮށްފައެވެ. އަދި ކުރިއަށްއޮތްތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.

6 އޯގަސްޓް 2026، ތިލަފުށި ބަނދަރު މަޝްރޫއާ ގުޅޭގޮތުން އެމްޕީއެލް ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯދުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވުން -- ފޮޓޯ/ އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މާލޭގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއެކު ތަރައްގީކުރެވޭ މި ބަނދަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު އިގުތިސާދީ ވައުދުފުޅެކެވެ.

މި ބަނދަރު ތަރައްގީވެގެންދާނީ ވިޔަފާރިވެރިންނާއި އެމްޕީއެލްގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށް ކަމަށް އެމްޕީއެލުން ބުނެއެވެ. އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރަކީ، ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް އޮފް ދި އާޓް" މާސްޓާ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރެވޭ ތަނެކެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމެއްގައި ރައީސް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ބަނދަރުގެ 80 ޕަސަންޓް އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރާނެއެވެ.