ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް ލޯކަލް އެއާލައިން ޕާޓްނަރެއްގެ ގޮތުގައި ގައުމީ އެއާލައިން، މޯލްޑިވިއަން ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ޕާޓްނާޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމެވެ.
މި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަނުން އޮފިޝަލް ލޯކަލް އެއާލައިން ޕާޓްނަރުގެ ހައިސިއްޔަތުން މުވައްޒަފުންގެ ބައިވެރިވުމުގެ އިތުރުން އެއާލައިންގެ ޚިދުމަތްތަކާއ،ި އޮޕަރޭޝަނަލް އެއްބާރުލުން ފޯރުކޮށްދީ، މި އިވެންޓު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، "ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ އިސް ފަރާތްތަކަށް ދިވެހީންގެ އުފެއްދުންތަކާއި މަންޒިލް އިސްތިހާރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
"ރާއްޖޭގެ ގައުމީ އެއާލައިން 'މޯލްޑިވިއަން' ހަމަޖެހިގެން ދިއުމަކީ އުފާކުރާ ކަމެއް. ރާއްޖޭގެ ގައުމީ އެއާލައިންގެ ހައިސިއްޔަތުން މޯލްޑިވިއަން އަކީ، ރާއްޖޭގެ ރަށްތައް ގުޅުވާލުމަށާއި މުޅި ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. މި ޕާޓްނާޝިޕް ރަމްޒުކޮށްދެނީ ކާމިޔާބު ހަރަކާތެއް ބޭއްވުމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި، ދިވެހި ހިއްސާދާރުންގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި އެއްބާރުލުމުގެ މުހިންމުކަމެވެ..،" އޭނާ ވިދާޅުވިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ، ދުނިޔޭގެ މަގުބޫލު މަންޒިލްތަކާއި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި ހޮސްޕިޓަލިޓީ ބްރޭންޑްތައް އެއްވެއުޅޭ ހަރަކާތެކެވެ. މި އެވޯޑްސްގެ އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުކޮށް، ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ދެކެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި ޕާޓްނާޝިޕާއެކު، ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކަށް ރާއްޖެ އިސްތިހާރުކުރުމަށާއި، ސިނާއަތުގެ ގުޅުންތައް ބަދަހިކޮށް، ދުނިޔޭގެ އެންމެ މުހިންމު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
ކޮމެންޓް