ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކުދި ރުކުމަޑި އާއި އެހެނިހެން ޕެސްޓުތައް ނައްތާލުމަށްޓަކައި، ގުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ "ފައިދާހުރި ސޫފި އާލާކުރާ މަރުކަޒެއް ހދ. ހަނިމާދޫގައި މިއަދު ހުޅުވައިފިއެވެ.

"ޕާމް ޕެސްޓު ބައިލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު" ގެ ނަމުގައި ހުޅުވި އެ މަރުކަޒު އިފުތިތާހު ކޮށްދެއްވީ އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް އާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ އެވެ.

އެ ސެންޓަރަކީ ރާއްޖެއާއި ޗައިނާ ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ކޮކޮނަޓު ޓްރީ ޕެސްޓު ކޮންޓްރޯލް އެސިސްޓެންޓްސް ޕްރޮޖެކްޓު" ގެ ދަށުން ގާއިމުކުރި ތަނެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައިވަނީ ޖުލައި 14، 2024 ގައެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ އެ ސެންޓަރުގެ އެންމެ މުހިންމު މަގުސަދަކީ ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުން ކަމަށެވެ. އެގޮތުން، ރުކުމަޑިއަށް ހަމަލާދޭ ޕެރަސިޓޮއިޑް ނަމަކަށް ކިޔާ ސޫފި އެ މަރުކަޒުގައި އާލާކޮށް، ބަލި ފެތުރިފައިވާ ރަށްރަށަށް ދޫކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަރުކަޒުގައި ދުވާލަކު އެއް ލައްކަ ސޫފި އާލާކުރުމުގެ ގާބިލްކަން ހުންނާނެކަމަށް މިނިސްޓްރީން ބުންޏެވެ

ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ހިސްޕިޑް ބީޓްލް އެންމެ ފުރަތަމަ ފެނުނީ 1999 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުންނެވެ. އޭގެ ފަހުން 2003 ވަނަ އަހަރު އދ. ގެ އެހީގައި އެކަން ހައްލުކުރަން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލައަކީ އަދިވެސް ދަނޑުވެރިންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.