އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އަދި ނާދެވުނު ނަމަވެސް، އިސްރާއީލުގެ ސަލާމަތް ކަށަވަރުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން، ގައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އިޔާލް ޒާމިރު ވަނީ ބުނެފައެވެ.
އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އިސްރާއީލުގެ ގާތް އެކުވެރިއެއް ނަމަވެސް، އިސްރާއީލުގެ ވުޖޫދާ ގުޅޭގޮތުން އެއްވެސް ފަރާތަކާއެކު މަޝްވަރާއެއް ނުކުރެވޭނެއެވެ. އަދި އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ނަތަންޔާހޫ ވިދާޅުވީ، އެމެރިކާއިން އިސްވެ އޮވެ ހުށަހަޅާފައިވާ ގައްޒާގެ ސުލްހައިގެ ޑްރާފްޓަށް އިސްރާއީލުން އަދި އެއްބަސްވެފައި ނުވާ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޒާމިރު ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ސިފައިން އެ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަންތައް މެދުކަނޑާނުލާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި، މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގުސަދަކީ އިސްރާއީލަށް އޮތް ނުރައްކާތައް ނައްތާލުމާއި އެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމެވެ. އަދި ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މި ބަޔާންތައް ނެރެފައި މިވަނީ، ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ހަމާސް ޖަމާއަތުގެ ހަތިޔާރު ނައްތާލުމަށް އެމެރިކާގެ “ބޯޑް އޮފް ޕީސް” އިން އެކުލަވާލާފައިވާ ކަމަށް ބުނާ އެއްބަސްވުމަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މި އެއްބަސްވުމުގެ ޝަރުތުތަކަށް އިސްރާއީލުން ރަސްމީކޮށް އެއްބަސްވެފައިވާކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. އެމެރިކާއިން ހުށަހެޅި ޑްރާފްޓް ދިރާސާކުރަމުންދާ ކަމަށާއި، އެއަށް އިސްރާއީލުގެ ހިޔާލުތައް ފޮނުވާފައިވާނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް