އއ. އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުކުޅަހަކީ ލޯކަލް ޓޫރިޒަމްގައި ނަމޫނާ ރަށަކަށް ވާއިރު، ރަށުގެ ރީތި ގޮނޑުދޮށްތައް ހިމާޔަތްކުރުމަކީ އިގްތިސޯދީ ގޮތުންވެސް ނުހަނު މުހިންމު ކަމެއް ކަމަށެވެ.

"ހަފުތާއެއް ދެ ހަފުތާތެރޭ އެ މަސައްކަތްވެސް ހަމަޖެހިގެން ދިޔައީމަ މާލަހެއްނުވެ މި މަސްތެރޭގައި އަމަލީ ގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ބިން ހިއްކާފައިވަނީ މި ސަރުކާރުން ކަމަށެވެ. އަދި ގައުމު އޮތް އިގްތިސޯދީ ނާޒުކު ހާލަތުން އަރައިގަނެ، ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، 2028 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށްދާއިރު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމަށެވެ.