ރައްޔިތުން ގައުމީ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާ ނަމަ، ގައުމު ހަލަބޮލިކޮށް ފަނާކުރުމަށް މަސައްކަތްކުރާ ފިކުރުތަކަށް ރާއްޖޭގައި ފުރުސަތެއް ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ގައުމަށް ދާއިމީ ހަމަޖެހުން ގެނެސްދިނުން ކަމަށެވެ. އަދި ސިޔާސީ ގޮތުން އޮންނަ ބަދަލުހިފުމުގެ ނުރަނގަޅު އާދަ ނައްތާލައި، ގައުމުގެ މަންފާއަށް މަސައްކަތް ކުރުމުގެ ސިޔާސަތު ސަރުކާރުން ގެންގުޅޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައެއް ސިޔާސީ ފަރާތްތަކުން ގައުމީ މަސްލަހަތަށްވުރެ އަމިއްލަ ފައިދާ އިސްކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ ރަނގަޅު ކަންކަމުގައި އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި، އެއީ ގައުމު އިސްކުރާ ބަޔަކު އަމަލުކުރާނެ ގޮތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ގައުމު އިސްނުކުރޭ. ގައުމު އިސްނުކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުންދަނީ. ގައުމަށް ރަނގަޅުކަމެއް ކުރާކަމުގައި ވަންޏާމު. ރައްޔިތުންނަށް ރަނގަޅުކަންތައް ފޯރުކޮށްދޭނެ ކަމަށްވަންޏާ އެކަންކަމަކީ ހަމަ ރަނގަޅު ކަންތައްތައް. އެކަންކަމަށް އިދިކޮޅު ފަރާތްތަކުން ސިޔަސީ ފަރާތްތަކުން ޖެހޭނެ އެޔަށް އެއްބާރުލުންދޭން. އެއީ ގައުމު އިސްކުރާ ނަމަ، ކަންތައްތައް އޮންނާނެ ގޮތަކީ. އެހެނެއްނޫނެއްނޫންތޯ މި ރާއްޖޭގައި މިހާރު ކަންތައްތައް ވަނީ މިހާރު" ރައީސް ވިދާޅުވިއެވެ.
ގައުމުގެ އިގްތިސޯދާއި މިނިވަންކަން ނުރައްކަލުގެ ތެރެއަށް ވައްޓާލަން ބަޔަކު ކުރާ މަސައްކަތްތަކާ މެދު ރައްޔިތުން ސަމާލުވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކޮށް، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ވަޒަންކުރަން ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ގައުމީ ވިސްނުން އިސްކޮށްފި ނަމަ، ގައުމުގެ ކަންކަން ހަމަމަގަށް އެޅި، އުފާވެރި މުސްތަގުބަލެއް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތުގެ ހެކިތައް ފެންނަން ހުރިއިރު، ސިޔާސީ ލީޑަރުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކަށް ރައްޔިތުން ހޭލުންތެރިވާންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް