ސިޔާސީ ވިސްނުން އެއްކިބާކޮށް، ގައުމީ ވިސްނުމުގައި މި ސަރުކާރުން ނިންމުންތައް ނިންމަމުންދާތީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން އެކަމާ ތައުރީފު ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ޒިންމާއަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި، ގައުމުގެ މުސްތަގުބަލަށްޓަކައި ނިންމަންޖެހޭ ކޮންމެ ނިންމުމެއް، އެއީ ސިޔާސީގޮތުން ކިތަންމެ މަގުބޫލު ނޫން ނިންމުމެއް ކަމުގައިވީ ނަމަވެސް ނިންމަވާނެކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ވިދާޅުވެފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަމާޒަކީ ހަމައެކަނި ލޮލަށް ފެންނަ އުމްރާނީ ތަރައްގީ ނޫން ކަމަށާއި، އިޖުތިމާއީ ފޭރާމާއި، މާނަވީ ތަރައްގީވެސް އެކީގައި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެ މަސައްކަތް ކުރެއްވުމުގައި އެ މަނިކުފާނު ގެންގުޅުއްވާނެ އެންމެ މުހިންމު އުސޫލަކީ އިހުލާސްތެރިކަމާއެކު ގައުމަށް އެންމެ ފައިދާހުރި ގޮތް އިސްކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިންނާ ބައްދަލުވުމުން، ގައުމުގެ މާލިއްޔަތާއި ދެމެހެއްޓެނިވި ކުރިމަގަށްޓަކައި ސިޔާސީ ގޮތުން މަގުބޫލު ނޫން ނިންމުންތައް ނިންމަވާ ވެރިން މިހާރު ދުނިޔޭގައި ވަރަށް މަދުކަން އެ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ.
"ވަރަށްބޮޑު މަސްއޫލިއްޔަތެކޭ. ޒިންމާއެކޭ. އިހުލާސްތެރިކަމާއެކީގައި އެ އަމާނާތާ، އެ މަސްއޫލިއްޔަތު އަދާކުރުމުގެ އަޅުގަނޑު ކުރިއަށްދާނެ. ވަރަށްގިނަ ފަރާތްތަކުން، ބޭރުގެ ފަރާތްތަކުންވެސް އަޅުގަނޑާ ދިމާވެގެން ބުނޭ ތިގޮތުގައި މަސައްކަތްކުރާ ވެރިން ވަރަށް މަދޭ ގައުމު، ދުނިޔެއަށް ބަލާއިރުގައިވެސް. ގައުމު އިސްކޮށް އެއީ ސިޔާސީގޮތުން ބަލައިފިއްޔާ އެހާ ޕޮޕިއުލާ ގޮތެއްނޫން. އެހެންނަމަވެސް ގައުމަށް އެންމެ ރަނގަޅު ގޮތޭ" ރައީސް ވިދާޅުވިއެވެ.
އެ މަސައްކަތުގައި ހުރިހާ ރައްޔިތުންވެސް ގައުމީ ވިސްނުން އިސްކޮށް، އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިއުމަކީ ގައުމަށް އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް