ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އަންނަ ހަފުތާގައި މުޒާހަރާއަށް ނުކުންނަން ތައްޔާރުވަމުންދާތީ، އެ ޕާޓީން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ރައްދު ދެއްވައިފިއެވެ.

ވިޔަފާރިވެރިންގެ ބަހާއެކު ސައީދު އެކްސްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ރާއްޖޭގެ ވިޔަފާރިތަކަށް އަމާޒުކޮށް ގައުމީ އިގުތިސޯދުގެ އިތުބާރު ނަގާލަން އެމްޑީޕީގެ އިސް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސައީދު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފުރުސަތުގައި އިގުތިސޯދީ ހާލަތު ރަނގަޅުކުރަން ކުރި އެއްވެސް ކަމެއް ދެއްކެން ނެތް އިރު، މިހާރުގެ އިގުތިސާދީ ހާލަތަށް ގައުމު ވެއްޓުނީ ކުރީ ސަރުކާރުން ބޮޑު އަދަދަކުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށެވެ.

"އެހެންވީމަ ކޮންމެ ދުވަހަކު ހެނދުނު މުޅި ބާޒާރު ޕެނިކްކޮށް، ވިޔަފާރިވެރިންނާ ގުޅޭ ގޮތުން ދޮގު ވާހަކަ ފަތުރައިގެން، އޭގެ ނިމޭ ހެޑްލައިންގައި މި އިންނަނީ މުޒާހަރާއަށް ނުކުންނާށޭ. އެއީ އަޅުގަނޑު ފާހަގަކޮށްލަން މި އުޅޭ ޕޮއިންޓަކީ" ސައީދު ވިދާޅުވިއެވެ.

އަދި 2019 އާއި 2023 އާ ދޭތެރޭ ތަކެތީގެ އަގުތައް ބޮޑުވާން ފަށާފައިވާކަން ހެކިތަކާއެކު ދައްކަވަމުން ސައީދު ވިދާޅުވީ، އޭރު އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރުމަކީ މިހާރު ޑޮލަރު ލިބުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

މި ވީޑިއޯގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންވެސް ވަނީ ބާޒާރުގެ އަގުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ލިލީ އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވަނީ ސަރުކާރުން ކުރާ ކަމަކުން ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ހަނގުރާމައިގެ ސަބަބުން މުދާ އުފުލުމުގެ ހަރަދު ބޮޑުވުމުން ކަމަށެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، ކުރިން 1,600 ރުފިޔާއަށް ގެނައި ކޮންޓެއިނަރެއްގެ އަގު މިހާރު 2,750 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ.

"ފްރައިޓުން މި ބޮޑުވަނީ، އެއީ ތެލަށް އަސަރުކުރާނެތާ ހަނގުރާމަަ ކުރާތީ، ދެ ތަނެއްގަ އެބަ ހަނގުރާމަ ކުރޭ، މިހާރު ދުވަސްކޮޅެއްވެއްޖެ، އެހެންވީމަ އޭގެ އަސަރު. އަޅުގަނޑުމެންނެއް ހަމަ ގަސްތުގައި އެހެން ތިބެފަކާއެއް ބޮޑެއް ނުކުރާނެ އިނގޭތޯ އަގުތަކެއް" އަހުމަދު ނާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެޗްއޭގެ ފަރާތުން އާލިމް އާދަމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި އަގުތަކަށް ބަދަލު އައި ނަމަވެސް، އުފައްދާ ކުންފުނިތަކާ އޮންނަ ގުޅުމުގެ ސަބަބުން ކުޑަކުދިންގެ ކާނާ ފަދަ ތަކެތީގެ އަގުތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދައްކައި، ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ދަރަނިން ބައެއް ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް ފޮރިން އެކްސްޗޭންޖް ގާނޫނަށް ބަދަލުތައް ގެނެސްފައިވާކަމަށް ސައީދު ވިދާޅުވިއެވެ.