ފަލަސްތީނުގެ ގާޒާގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާޒާގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްދޭ ތަންތަނާއި ވަސީލަތްތަކަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، ލާއިންސާނީ އަމަލުތަކެއް ކަމަށެވެ. މި ހަމަލާތަކުގައި މައުސޫމް އެތައް އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލެމުންދާ ދިއުމަކީ ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަމެއް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށާއި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުންތަކަށް އަމަލުކުރުމަށް އިޒްރޭލަށް ގޮވާލާފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ސިއްހީ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން މަޝްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. މީގެ އިތުރުން، ގާޒާގެ އާންމު ރައްޔިތުންނާއި، ސިއްހީ ހިދުމަތްތެރިންނާއި، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި އެއްވެސް ހުރަހެއް ނެތި ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސް ކޮށްދޭންޖެހޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް