ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅިގެން އެލައިޑް އިންޝުއަރެންސް އާ ބައްދަލު ކުރަން އެ ކުންފުނި ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން އެގޮތަށް ނިންމީ، ހެލްތު އިންޝުއަރެންސުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ދަތިތަކެއް ހުރެގެންނެވެ.

އެ ދަތިތައް ފާހަގަ ކުރައްވައި ކޮމިޓީ ބައްދަލުވުމުގައި، ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވީ މީގެ ކުރިން މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ނަގާފައި އޮތީ އެލައިޑް އިންޝުއަރެންސުން ކަމަށާއި، މިހާރު އެ ހިދުމަތް ނަގާފައި ވަނީ އަމާނާ ތަކާފުލް އިން ކަމަށެވެ.

އެ ހިދުމަތް އެލައިޑުން އަމާނާ ތަކަފުލްއަށް ބަދަލުވި ފަހުން އައި ބަދަލެއް ނުވަތަ ވީ ރަނގަޅެއް އެއްވެސް މެންބަރަކަށް ފާހަގަވެފައި އޮތިއްޔާ މަޝްވަރާކޮށްލަން ބޭނުން ކަމަށްވެސް އައިބީ ވިދާޅުވިއެވެ.

ނަމަވެސް މެންބަރުންނަށް ކުރިމަތިވަނީ ކޮން ދައްޗެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ނަމަވެސް މެންބަރުން މައިކް ކަނޑުއްވާލައްވައި، ދެއްކެވި ވާހަކަތަކަށް ފަހު، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މިކަމުގައި އިތުރަށް މަޝްވަރާ ކުރުމަށްޓަކައި އެލައިޑްގެ ބޭފުޅުންނާ ބައްދަލު ކުރަން ކޮމިޓީން ނިންމިއެވެ.