މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގާނޫނީ ޒިންމާތަކާއި މަސައްކަތްތަކާމެދު އާންމުންގެ މެދުގައި ޝައްކު އުފެދޭ ފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށް އެ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

ކަސްޓަމްސް އިން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ އެ އިދާރާގެ އަންހެން މުވައްޒަފަކު އޭނާގެ ގާނޫނީ ޒިންމާ އަދާކުރަނިކޮށް، އޭނާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ކަސްޓަމްސްގެ ގާނޫނުން އެ އިދާރާއާ މަތިކޮށްފައިވާ މުހިންމު ޒިންމާއެއް ކަމަށެވެ. އަދި މި މަސައްކަތް ކުރުމުގައި ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އިންޓެލިޖެންސްއަށް ރިއާޔަތްކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްގެ ގާނޫނުގެ ދަށުން ބޯޑަރު ބެލެހެއްޓުމާއި މުދަލާއި ލަގެޖް ފާސްކުރުމުގެ ފުރިހަމަ އިހުތިޔާރު އެ އިދާރާއަށް ލިބިގެންވެއެވެ.

ކަސްޓަމްސް އިން ވަނީ ގައުމީ ސަލާމަތާއި ގުޅުންހުރި މިފަދަ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އަމަލުނުކުރުމަށް އިލްތިމާސްކޮށްފައެވެ.