ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ހުޅުމާލޭން ޑްރަގްލޯޑެއް ހައްޔަރުކޮށްފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އަބްދުﷲ ތާއިފް، މ. ލިއޯންސް (32އ) އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާއަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމެއް އޮތް ފަރާތަކަށްވެފައި، އޭނާ އެކަން ކުރި ގޮތާއި ކުށުގެ ބާވަތަށް ބަލައި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ފެންނާތީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ތާއިފަކީ، މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު، ވައިގެ މަގުން އާމިނަތު ޝަފަގު، މއ. މޯނިންވިޔު (32އ) އެތެރެ ކުރި މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހާއެވެ.

ޝަރަފު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރީ ކުރިމަތިފަރާތުގައި ފޮރުވައިގެންނެވެ. އެގޮތުން 31 ގްރާމްގެ ކޮކެއިން އޭނާ އެތެރެކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައިގައި ޝަފަގު ހައްޔަރުކޮށް ވަނީ 30 ދުވަހުގެ ބަންދެއް ޖަަހައިފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ތާއިފު ހައްޔަރުކުރީ ޝަފަގު އެތެރެކުރި މަސްތުވާތަކެއްޗާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އެމްޕީއެލް ޓަވަރުގެ ޕާކިންގައި ޕާކްކޮށްފައިވާ އޭއޭޒީރޯއެލް 8828ޕ (ކިއުބިކްސް) ސައިކަލުގެ ޕޮކެޓަށްލުމަށް ޝަފަގާއި ތާއިފާ ދެމެދު ކުރެވުނު މުއާމަލާތްތަކުގައި ބުނެފައިވާތީ ފުލުހުން މި ގޮތަށް އެ ސައިކަލުގެ ޕޮކެޓަށް އެ ތަކެތި ލުމަށްފަހު ބަލަމުން ދަނިކޮށް ތާއިފު އައިސް އެ ސައިކަލަށް އަރައި ސްޓާޓު ކުރި ވަގުތުއެވެ.

ކޯޓު އަމުރުގައިވާ ގޮތުން ސައިކަލުގެ ޕޮކެޓުން މަސްތުވާތަކެތި ނެގުމަށް ފަހު އެތަކެއްޗާ ބެހޭ ގޮތުން ސުވާލު ކުރުމުން ތާއިފު ޖަވާބު ދީފައެއް ނުވެއެވެ. އަދި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރި ތެރެއިން ފެނުނު ގަމީހެއްގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ޑިޖިޓަލް ކައްޓާ އާއި ހުސް ޖޫސްޕެޓީ ކޮތަޅު ފެނިފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.