އީރާނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ މަދުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތަކުން މާ ގިނައިން ފައިދާ ހޯދަމުންދާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި އިއްޔެ ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ތެލުގެ އަގު އުފުލިފައިވަނީ ސަޕްލައި މަދުވުމުގެ ސަބަބުންނެވެ. އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކުންފުނިތަކުން އާދަޔާހިލާފަށް ބޮޑު ފައިދާއެއް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑަކަށް އެކަން ކަމަކުނުދޭ. އެ ކުންފުނިތަކުން މާ ގިނައިން ފައިސާ އެބަ ހޯދާ. ތެޔޮ މަދުވުމުގެ ފައިދާ ނަގަނީ،” ޓްރަމްޕް ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހު ފެށުނު އީރާނުގެ ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޕެޓްރޯލްގެ އަގު ވަނީ 37 ޕަސެންޓަށް ވުރެ ބޮޑަށް އުފުލިފައެވެ. މީގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ހަނގުރާމައިގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އެމެރިކާގެ އެންމެ ބޮޑު ދެ ތެޔޮ ކުންފުނި ކަމަށްވާ ޝެވްރޯން އަދި އެކްސަންމޯބިލް އިން ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށް ހުކުރު ދުވަހު ހާމަކޮށްފައެވެ. އެގޮތުން އެކްސަންމޯބިލްއަށް 14.5 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާއިރު، ޝެވްރޯންއަށް ވަނީ 12.1 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު އެތައް ގުނައެއް އިތުރު އަދަދެކެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، ކުންފުނިތަކަށް ލިބެމުންދާ ފައިދާގެ ތެރެއިން ބައެއް އާންމުންނަށް އަނބުރާ ދޭންޖެހޭނެއެވެ. އަދި އާންމުންނަށް ތެޔޮ ވިއްކާ އަގު އެ ކުންފުނިތަކުން ވަގުތުން ކުޑަކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ތެޔޮ ކުންފުނިތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށްވެސް ޓްރަމްޕް ވަނީ މީގެ ކުރިން އަންގަވައިފައެވެ.