އެމެރިކާއާއި އީރާނާ ދެމެދު މިހާރު މަޝްވަރާތައް ކުރިއަށްދާ އެބަދާ ކަމަށާއި، މިއީ އެއްބަސްވުމެއްގައި ސޮއިކުރުމަށް އީރާނަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި އިއްޔެ ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުން ދޮގުކުރި ނަމަވެސް ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް މަޝްވަރާތައް ދަނީ ކުރިއަށެވެ. މިއީ "ރަނގަޅު ލިޔުމެއްގައި ސޮއިކުރަން" އީރާނަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށް ޓްރަމަޕް ވިދާޅުވިއެވެ.

"އިރާން އެކީ ނައްތާލުމުގެ ކުރިން ދެވެން އޮތް އެންމެ ފަހު ފުރުސަތު ދޭން ބޭނުން" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޮޑު ހަމަލާއެއް ދިނުމުގެ ބަދަލުގައި މީހުންނަށް ދިރިއުޅުމުގެ ފުރުސަތު ދިނުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި މަޝްވަރާތަކުގެ ފުރަތަމަ މަރުހަލާގައި އަމާޒުކުރަނީ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށެވެ. އޭގެ ފަހުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ ކުރިން އީރާނަށް ދޭން ރާވާފައި އޮތް ބޮޑު ހަމަލާއެއް މަޑުޖައްސާލީ ސައުދީ އަރަބިއްޔާއާއި، އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އަދި ގަތަރު ފަދަ ގައުމުތަކުގެ އެދުމުގެ މަތިން ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައިވާއިރު، އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ބުނެފައެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުން މިހާރު މަޝްވަރާކުރަމުން ދަނީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމާ ގުޅޭގޮތުން އޮމާނާ އެކުގައެވެ. އަދި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ސީދާ މަޝްވަރާތަކެއް ނުކުރާނެ ކަމަށް ވެސް އީރާނުގެ އޮފިޝަލުން ވަނީ މީގެ ކުރިން ބުނެފައެވެ.