ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމުގެ ފުރުސަތު އީރާނަށް ނުދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައާއި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އަތުގައި ކަމަށެވެ. އީރާނުން އެ ސަރަހައްދު ކޮންޓްރޯލްކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފައެވެ.

“އެއްވެސް ބައެއްގެ އަތުން ފީއެއް ނެގުމުގެ ފުރުސަތު އެމީހުންނަކަށް ނުދޭނަން. އަހަރެމެންގެ ފުރިހަމަ ކޮންޓްރޯލް އެބައޮތް. އެމެރިކާ ކަނޑުގެ ސިފައިންގެ ބްލޮކޭޑެއް އެބައޮތް.” ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމަޕް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންނާއި އެ ގައުމުގެ ބްލޮކޭޑްގެ ދަށުން އެ ސަރަހައްދު އޮތީ ފުރިހަމައަށް ކޮންޓްރޯލްކުރެވިފައެވެ. ބައެއް ފަރާތްތަކުން އެ ބްލޮކޭޑަށް “އެމެރިކާގެ ދަގަނޑު ފާރު”ގެ ނަމުން ނަންދީފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާއިން ބޭނުން ނުވާ އެއްވެސް އެއްޗަކަށް އީރާނަށް އެތެރެ ނުވެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ އިސްވެރިންނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ބުނެފައެވެ. އީރާނުން ބުނެފައިވަނީ އެ ގައުމުން މަޝްވަރާކުރަމުން އަންނަނީ ހޮރުމުޒް ކަނޑުއޮޅީގެ ކަންކަމާ ގުޅޭގޮތުން އޮމާނާ އެކު ކަމަށެވެ.