މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ، ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިރޭ އަލުން ހުޅުވާލައިފައެވެ.
ރައީސް އޮފީހުން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 14 ވަނަ ދުވަހުގައެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 17 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ. މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށާއި، ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މި މަގާމަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު" ގެ ދަށުން ބިއުރޯ ހިންގުމަށްޓަކައި ކަނޑައަޅަންޖެހޭ މަގާމެކެވެ. މިހާރު މި މަގާމުގައި ހުންނެވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އާއިޝަތު ހަސަނެވެ. އޭނާއަކީ އިކޮނޮމެޓްރިކްސްއިން މާސްޓާސް ޑިގްރީ އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމުގައި ޗީފް ސްޓެޓިސްޓީޝަން މަސައްކަތް ކުރައްވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި ބިއުރޯގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީވެސް ފިނޭންސް މިނިސްޓަރެވެ.
ތަފާސްހިސާބާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ލަފާދިނުމަށްޓަކައި 10 މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންޖެހޭނެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް