އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މިހާރު މި މަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ މަހުގެ 6 ވަނަ ދުވަހަށެވެ. އާހިދު މި މަގާމަށް އައްޔަންކުރެއްވީ ސެޕްޓެމްބަރު 6، 2021 ގައެވެ.
ރައީސް އޮފީހުން ބުނީ، މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އުމުރުން 35 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްފަހު ހަތް އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެ އިތުރުން، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެންނުވާނެއެވެ.
މި މަގާމަކީ މިނިވަން މުއައްސަސާއެއްގެ އިސް މަގާމަކަށްވާތީ، ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ ސިޔާސީ ހަރަކާތްތަކުގައި އުޅޭ މީހަކަށް ވެގެންނުވާނެއެވެ. އަދި އިންތިހާބުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތަކަށްވެސް ވެގެންނުވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޖުލައި 13، 2014 ގައި އުފައްދާފައިވާ މުއައްސަސާއެކެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް