ރާއްޖޭގައި މަރުގެ ތަހުގީގުތަކަށް ބޭނުންވާ ޕޯސްޓްމޯޓަމް ހެދުމުގެ ހިދުމަތް ފެށުމަށްޓަކައި، ހުޅުމާލެ ސަހަރާ ހުރި ބިމުން އައިޖީއެމްއެޗަށް ޖާގަ ހަމަޖައްސައިފިއެވެ.

މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް "ވަން" އަށް މިރޭ ވިދާޅުވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އައިޖީއެމްއެޗަށް ބިން ހަމަޖައްސައިދީފައި ކަމަށެވެ.

"މިހާރު ކުރިއަށްދަނީ ފައިނަލް ޑްރޯވިން (ޕޯސްޓްމޯޓަމް ކްލިނިކްގެ) ގެ މަސައްކަތް މިހާރު ކުރިއަށް ދަނީ" ހަލީމް ވިދާޅުވިއެވެ.

އެ މަޝްރޫއަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި، ފުލުހުން އަދި އައިޖީއެމްއެޗް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ކްލިނިކަކީ ހަމައެކަނި ހަށިގަނޑު ފަޅާލައިގެން ތަހުގީގުކުރާ ތަނެއް ނޫން ކަމަށާއި، މަރުގެ ސަބަބު ދެނެގަތުމަށް ބޭނުންވާ ސީޓީ ސްކޭން ފަދަ ޒަމާނީ ޑައިގްނޯސްޓިކް ހުރިހާ ވަސީލަތްތަކެއް އެތަނުގައި ހުންނާނެކަމަށް ހަލީމް ވިދާޅުވިއެވެ. މީގެ ސަބަބުން އެކި ހާލަތްތަކުގައި، މިސާލަކަށް ފިހިގެން މަރުވާ މީހުން ފަދަ ފަރާތްތައް ހޮސްޕިޓަލުގެ އާންމު ސަރަހައްދަށް ނުގެންގޮސް، މި ސެންޓަރުގެ ތެރެއިން ހުރިހާ ތަހުގީގީ ޓެސްޓުތަކެއް ނިންމާލެވޭނެ ކަމަށެވެ.

ޕޯސްޓްމޯޓަމް ހެދުމަކީ ޕެތޮލޮޖިސްޓުންގެ ޒިންމާއަކަށްވާއިރު، މިވަގުތު ރާއްޖޭގައި މިކަމަށް ހުންނެވި ހަމައެކަނި މާހިރަކީ ފުލުހުންގެ ފޮރެންސިކްގައި މަސައްކަތްކުރައްވާ ޑރ. ހަސަން އުމަރެވެ.

ހެލްތު މިނިސްޓަރު ގީލާ އަލީ ދާދިފަހުން ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 23 މީހެއްގެ ހަށިގަނޑު ވަނީ އޮޓޮޕްސީ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވާފައެވެ. މިކަމަށް ކޮންމެ މީހަކަށް ގާތްގަނޑަކަށް 55,000 ރުފިޔާ ހޭދަވާއިރު، ޖުމްލަ 1.2 މިލިއަން ރުފިޔާ ދައުލަތުން ވަނީ މިކަމަށް ހަރަދުކޮށްފައެވެ.