(27 ޖުލައިގެ އަދަދާ ގުޅޭ)

9. خــالــد بـــن سعـيـد بـــن الــعـــاص رضـــــى اللّــــه عــنـــــه އަކީ އިސްލާމްދީނަށް އިސްވެވަޑައިގެން ކުރިޔަށް ނުކުމެވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނުގެ ބައްޕަ سعـيـد بـــن الــعـــاص އަކީ قـــــريـش ވަންހައިގެ ޤަދަރުހުރި ބޮޑުންކުރެ އެކެކެވެ. އޭނާގެ ދަރިކަލުން خــالــد އިސްލާމްވެވަޑައިގެންނެވިކަން އެނގިވަޑައިގަތުމުން ބަލައިފޮނުވައިގެން ގެންނަވައި އޭނާގެ އަތްޕުޅުގައިއޮތް ހަންމުށްޓެއް ކުދިކުދިވާންދެން ތަޅުއްވައި خــالــد ޒަޚަމްކޮށްލެއްވިއެވެ. އޭނާ خــالــد رضـــــى اللّــــه عــنـــــه އަށް ހައިހޫނުފުޅުކަމުގެ އަދަބުވެސް ދެއްވިއެވެ.

10. أبـــو ذرّ الــغــفـــارى رضــــى اللّــــه عـــنــــه: އަކީ ޣިފާރުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ جُـــنْـــدَبُ އެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަލޭގެފާނަށް އިރްޝާދު ދެއްވީ އެކަލޭގެފާނުގެ ރަށަށް ވަޑައިގެން ރަށުގައި ހުންނަވާށެވެ. ރަށުގައި ހުންނަވައި މީސްތަކުންނަށް ހެޔޮކަންތައްތަކަށް ގޮވައިލައްވަމުން ގެންދަވާށެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم މައްކާއިން ނުކުމެވަޑައިގެންފިކަމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އެމާތް ސާހިބާ ހުންނެވި ތަނެއް ހޯއްދަވައިގެން އެތަނަކަށް ވަޑައިގަންނަވާށެވެ. أبـــو ذرّ رضــــى اللّــــه عـــنــــه ޖަވާބު ދެއްވިއެވެ. اَشْـهَــدُ اَنْ لاَاِلَــــهَ اِلاَّ اللَّـــهُ وَاَنَّ مُـحَــمَّــــدٌا رَّسُـــــولُ اللَّـــهِ މި ކަލިމަފުޅު މުޝްރިކުންގެ ތެރޭގައި އަޑުހަރުކޮށް ގޮވައިފައި މެނުވީ އަޅުގަނޑު ރަށަކަށް ނުދާނަމެވެ. ކައުސާހިބާ ވިދާޅުވިއެވެ. "ކަލޭގެފާނު ހިތްޕުޅާ ހަމަކުރައްވާ ގޮތްކޮޅެކެވެ." أبـــو ذرّ އެހެން ވިދާޅުވެފައި ވަޑައިގެންނެވީ ޙަރަމްފުޅުގެ ތެރެއަށެވެ. އެކަލޭގެފާނު ޙަރަމްފުޅުގެ ތެރެޔަށް ވަޑައިގެން كــعـــبـــة اللّــــه ގެ އަރިހުގައި ތައުހީދުގެ ކަލިމަފުޅު ހަރުއަޑުފުޅުން އަޑުފުޅުގެކޮޅަށް ގޮވައިލައްވާން ފައްޓަވައިފިއެވެ. އެ އަޑުފުޅު އިވުމުން މުޝްރިކުންތައް ފުންމަފުންމައިގެން ތެދުވެ "މި މޮޔަކަލޭގެ މަރައިލާށޭ" ގޮވަމުން އެކަލޭގެފާނުގެ ގައިކޮޅަށް އަރައިގެންފިއެވެ. ހިލަތަކާއި ކަށިތަކުން ތަޅައިމަރައިގެންފިއެވެ. އެޙާލުކޮޅުގައި އުޅުއްވަނިކޮށް ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބޮޑުބޭބޭފުޅު الــعـبّــاس بـــن عــبـــدالمـطَّــلِــب ވަޑައިގެން ހޯހޯގޮވައިލައްވައިފައި ވިދާޅުވިއެވެ. ކަލޭނޭވެ! ތިޔައީ ޣިފާރުވަންހައިގެ ހަރުމީހެކެވެ. ތިޔަބައިމީހުންނަށް ޝާމުކަރަޔަށް ވިޔަފާރިދަތުރު ކުރެވޭނީ ޣިފާރުވަންހައިގެ މީހުންގެ ތެރެއިންލައިފައެވެ. މީހުންތައް މައިތިރިވެ ދުރަށްދިޔުމުން أبـــو ذرّ رضــــى اللّــــه عـــنــــه ޒަމްޒަމް ވަޅުކޮޅުގެ ކައިރިޔަށް ވަޑައިގެން ލޭތައް ދޮންނަވައިގެން ޙަރަމްފުޅުގެ ތެރޭގައި އިށީނދެވަޑައިގެންފިއެވެ. އެކަލޭގެފާނުގެ އަރިހަށް އައިހާ މީހަކާ ދީނުގެ ވާހަކަދައްކަވާން އިންނަވައިފިއެވެ.

އަނެއްކާ އަނެއްދުވަހުގެ ހެނދުނުކޮޅުވެސް ބާރު އަޑުފުޅުން ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވާން ފައްޓަވައިފިއެވެ. އެދުވަހުވެސް މީހުންތައް އައިސް ތަޅައިފޮޅައިގަތުމުން عـبّـــاس ގެފާނު މީސްތަކުން މައިތިރިކުރައްވައިފިއެވެ. أبـــو ذرّ رضــــى اللّــــه عـــنــــه ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވަމުން މައްކާއިން ފައިބައިވަޑައިގެން ރަށަށް ވަޑައިގެންފިއެވެ.

11. أبـــوبــكـــر رضـــــى اللّــــه عــنـــــه އެއްދުވަހަކު ޙަރަމްފުޅުގެ ތެރޭގައި ހުންނަވައި قـــــريـش ވަންހައިގެ މީހުންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވިއެވެ. މާތް اللّــــه އާއި އެކަލާނގެ ރަސޫލާއަށް ތަބާވާން قـــــريـش ންނަށް ގޮވައިލެއްވިއެވެ. قـــــريـش ންގެ ގާތަށް ރުޅިއައިސްގެން އެކަލޭގެފާނުގެ ގައިކޮޅަށް އަރައިގަނެ ތަޅައިފޮޅައިގަތެވެ. ވަރަށްބޮޑަށް ހާނީއްކަފުޅު ކުރިއެވެ. عــــتـــبــة بـــن ربــيــعــــة އެކަލޭގެފާނުގެ މޫނުފުޅުގައި ބައު ފައިވާންކިބައަކުން ވަރަށްބޮޑަށް ތެޅިއެވެ. އެއީ މޮހޮރުތައް ބޭރަށް ނުކުމެފައިހުރި ފައިވާންކިބައެކެވެ. އެހެންކަމުން މޫނުފުޅު ދުޅަވެ ނޭފަތްޕުޅު ވަކިނުވާވަރުވިއެވެ.

ތައިމުވަންހައިގެ މީހުންނަށް އެޚަބަރު ލިބިގެން ދުވެފައި އައިސް އެކަލޭގެފާނުގެ ހަށިކޮޅު އަތުލައިގަތެވެ. އޭރު އެކަލޭގެފާނު ހޭފުޅެއްވެސް ނެތެވެ. އެބައިމީހުން އެކަލޭގެފާނުގެ ގެކޮޅަށް އެކަލޭގެފާނު ގެންދިޔައިރު އެބައިމީހުން ހީކޮށްގެންތިބީ އެކަލޭގެފާނު އަވަހާރަވެދާނެ ކަމުގައެވެ. އެދުވަހުގެ ހަވީރުވީފަހުން ހޭފުޅު އެރުމާއެކު އެންމެފުރަތަމަވެސް ސުވާލުކުރެއްވީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙާލުކޮޅާ ބެހޭގޮތުންނެވެ. ތައިމުވަންހައިގެ މީހުންގެ ގާތަށް އެކަމާ ވަރަށް ރުޅިއައެވެ. أبـــوبــكـــر رضـــــى اللّــــه عــنـــــه އަށް ވަރަށްބޮޑަށް އެއްޗެހި ގޮވިއެވެ. أبـــوبــكـــر رضـــــى اللّــــه عــنـــــه އެޙާލުކޮޅުގައި އޮންނަވައިވެސް އަމިއްލަފުޅު ޙާލުކޮޅަށްވުރެ ބޮޑަށް ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާމެދު ފިކުރުފުޅު ކުރައްވާތީއެވެ.

އިސްވެދިޔަ ޞަފުޙާތަކުގައި އެވަނީ قـــــريـش ވަންހައިގެ މުޝްރިކުން ޞަޙާބީންނަށްކުރި ހިތެއްފިތެއް އިންސާނިއްޔަތުކަމެއްނެތް އަނިޔާތަކުގެ މައްޗަށް ބަލައިލި އަވަސް ބަލައިލުމެކެވެ. އިސްވެދެންނެވި ބޭބޭކައުކަނބަލުންގެ އިތުރަށް طـلحـــة بـــن عُـبــيـد اللّــــه رضـــــى اللّــــه عــنـــــه އަށާއި ولــيــد بـــن ولــيــد رضـــــى اللّــــه عــنـــــه އަށާއި عــيّـــاس بـــن أبــــــى ربــيــعــــة رضـــــى اللّــــه عــنـــــه އަށާއި سـلــمــة بـــن هـشــام رضـــــى اللّــــه عــنـــــه އަށްވެސް އިންސާނުން ފިތްކަނޑައިގެންދާވަރަށް އަދަބު ދިނެވެ. ނަމަވެސް އެބޭބޭކަލުންނަށް އަނިޔާކޮށް އަދަބު ދިންވަރަކަށް އެބޭކަލުންގެ އީމާންކަމުގެ ޖޯޝް ދިޔައީ އިތުރުވަމުންނެވެ. ޢަޒުމުފުޅު ދިޔައީ ވަރުގަދަވަމުންނެވެ.

ޢީސާއީ (ކްރިސްޓިޔަން) މުއައްރިޚުންވަނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މިތުރު ޞަޙާބީންނާއި مسـيـح عـــلـيــــه الـسّـــلام ގެ ޙަވާރީންނާ އަޅައިބަލާން މަސައްކަތް ކޮށްފައެވެ. އެކަމަކު އިންސާފުވެރި ކްރިސްޓިޔަން މުއައްރިޚުންވަނީ އެކަން ކުށްވެރި ކުރައްވައި އެކަމަށް ފާޑުވިދާޅުވެފައެވެ. އެއް މުއައްރިޚަކު ލިޔެފައިވެއެވެ.

"ޢީސާއީން (ކްރިސްޓިޔަނުން) ހަނދާންކުރުން ރަނގަޅެވެ. محــمّــــد (صــلّـــــى اللّــــه عــلـيــــه وســلّـــــم) ގެ އުނގަންނައިދެއްވުންތަކުގެ އަސަރުން އެކަލޭގެފާނަށް ތަބާވެވަޑައިގެންނެވި ބޭބޭކައުކަނބަލުންގެ ހިތްޕުޅުތަކުގައި އުފެދިފައިވާ ދީނީ ޖޯޝާއި ޢަޒުމާއި އަސަރު عـيســـى مسـيـح عـــلـيــــه الـسّـــلام ގެ ޙަވާރީންގެ ފަރާތްޕުޅުން ހޯދާން މަސައްކަތްކުރުމަކީ ބޭކާރު ކަމެކެވެ.......... عـيســـى عـــلـيــــه الـسّـــلام ޞަލީބުކުރާން ގެންދެވުނުހިނދު ޙަވާރީންވަނީ ފިލައިވަޑައިގެންފައެވެ. އެބޭކަލުންގެ ދީނީ ރޫޙުވަނީ އާތްވަށްވެފައެވެ. އެބޭކަލުން އިޤްތިދާވެވަޑައިގަންނަވާ ފަރާތް މަރުގެ އަނގަޔަށް ދޫކޮށްލައްވައިފައި އެބޭބޭކަލުންވަނީ ދުރަށް ވަޑައިގެންނަފެއެވެ. ނަމަވެސް محــمّــــد (صــلّـــــى اللّــــه عــلـيــــه وســلّـــــم) ގެ އެކުވެރީންވަނީ އެބޭކަލުންގެ އަނިޔާ ލިބިވަޑައިގަންނަވަމުންދިޔަ ނަބިއްޔާގެ ދިފާޢުގައި އެކަލޭގެފާނުގެ ވަށައިގެން ދިފާޢީ ފާރެއް ލައްވައިފައެވެ. އެބޭކަލުންގެ އަމިއްލަފުޅު ފުރާނަފުޅުތައް ނުރައްކަލަށް ހުށަހަޅުއްވައިގެން ދުޝްމިނުންގެ މައްޗަށް އެކަލޭގެފާނަށް ކާމިޔާބު ހޯއްދަވައިދެއްވައިފައެވެ." (ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)

(ޔަހޫދީންނާއި ނަޞާރާއިން عـيســـى عـــلـيــــه الـسّـــلام ޞަލީބުކުރެވުނުކަމަށް ޤަބޫލުކުރި ކަމުގައިވިޔަސް عـيســـى عـــلـيــــه الـسّـــلام ޞަލީބުކުރެވުނުކަމަކަށް މުސްލިމުން ޤަބޫލެއް ނުކުރެއެވެ. ޔަހޫދީން ތިމަންމެން مــــــريـــــــم ގެފާނުގެ ދަރިކަލުން اللّــــه ގެ ރަސޫލާ المـسـيـح عـيســـى ގެފާނު ޤަތުލުކޮށްފީމުއޭ ބުނިކަމުގައިވިޔަސް އެއުރެންނަކަށް އެކަލޭގެފާނު ޤަތުލެއް ނުކުރެވެއެވެ. އެއުރެންނަކަށް އެކަލޭގެފާނު ޞަލީބަކަށްވެސް ނޭރުވެއެވެ. އެހެނެއްކަމަކު އެކަން ކުރެވުނުކަމަށް އެއުރެންނަށް އެއްފަދަގޮތެއްގައި ފެނުނެވެ. - ســـــورة الـنّسـاء: 159)

ޝައްކެއްނެތެވެ. އިންޤިލާބީ ތަޙްރީކުތަކުގެ މަގަކީ ކަށިގަސްތަކުން ފުރިފައިވާ މަގެކެވެ. އިންޤިލާބީ މުޖާހިދުންނަށް މިންވަރުކުރެއްވިފައިވަނީ އެކަށިގަސްތަކުގެ މަތީން ހުސްފައިންޕުޅުން ހިންގަވައިފައި އެމަގު ކަޑައްތުކުރައްވާށެވެ. ތާރީޚު ހެކިވާ ފަދައިން އިސްލާމީ ރަޙްމަތުގެ ތަޙްރީކުގެ މުޖާހިދުންވަނީ އެ ކަށިގަސްތަކުން ފުރިފައިވާ މަގުންލައްވައިފައި އެބޭކަލުންގެ އަމާޒުފަތްގަނޑާ ހަމަޔަށް ވަޑައިގެންނެވުމުގައި ކާމިޔާބު ހޯއްދަވައިފައެވެ. އޭގެ އެއްސަބަބަކީ އެބޭކަލުންގެ ވަރުގަދަ އީމާނެވެ. އެތަޙްރީކުގެ ޞައްޙަކަމާމެދު އެބޭކަލުންގެ ހިތްޕުޅުތަކުގައިއޮތް ވަރުގަދަ އިޢުތިމާދެވެ. ނުގުޑާފަދަ ޔަޤީންކަމެވެ. ދެވަނަ ސަބަބަކީ އެބޭކަލުންގެ ޤާއިދު އަދި އެބޭކަލުންނަށް މަގުދައްކަވާ އިސްވާރު، އެންމެފަހުގެ އަދި އެންމެ މަތިވެރި ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޤިޔާދަތާމެދު އެބޭކަލުންގެ ހިތްޕުޅުތަކުގައިއޮތް ނިހާޔަތެއްނެތް އިތުބާރެވެ. މިދެންނެވި އިތުބާރުގެ ސަބަބަކީ އެމާތް ސާހިބާއަކީ ހުރިހައި މާނައެއްގައިވެސް އެ ތަޙްރީކުގެ މެންބަރުންކުރެ އެއްބޭކަލަކުކަން ޢަމަލީގޮތުން ސާބިތުކޮށްދެއްވާ ދެއްވުމެވެ. ރަޙްމަތުގެ ތަޙްރީކުގެ ހުރިހައި މެންބަރުންނަށްވެސް އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މާޒީ އެނގިވަޑައިގަންނަވައެވެ. އެމާތް ސާހިބާއަކީ ކޮންކަހަލަ ޝަޚްޞިއްޔަތެއްގެ ވެރިޔެއްކަމެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމުގައި ދެވަނަ މިސާލެއް ނެތްފަދަ ބޭކަލެއްކަމެވެ. ހުރިހައި އުނދަގުލަކާއި ތުރާލަކާއި މުޞީބަތަކާއި ބިރުވެރިކަމެއްގެ ވަގުތު ތަކުގައިވެސް އެމާތް ސާހިބާ މިތުރު ޞަޙާބީންގެ އަރިހުގައި ހުންނަވާކަމެވެ. ނުސިޔާނު ކޮންމެ ޙާލަތެއްގައި އެންމެ ކުރީގައި ހުންނަވަނީ އެމާތް ސާހިބާކަމެވެ. އެމާތް ސާހިބާ އަބަދުވެސް މިތުރު ޞަޙާބީންނާއެކު މުޢާމަލާކުރައްވަނީ މަކާރިމުލް އަޚްލާޤުގެ އެންމެ ރިވެތި ނަމޫނާއަކީ އެމާތް ސާހިބާކަން ސާބިތުވާ ގޮތަށެވެ. ކީރިތި މާތް قــــــرآن ންވެސް އެކަން އެނގެއެވެ. ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

(ނުނިމޭ)