އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އެވެ.

އޭސީސީން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުން ކަމަށެވެ. އޭގެ އިތުރުން ދެ އިދާރާގެ މުވައްޒަފުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން ހިމެނޭނެކަމަށް އޭސީސީން ބުންޏެވެ.

"މި ފަހުމުނާމާގެ ދަށުން އޭސީސީގެ ޒިންމާތަކުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާއްވާ ވޯކްޝޮޕްތަކާއި މަހާސިންތާތަކުގައި އެހީތެރިކަން ދިނުން ހިމެނޭ. ސްޓެލްކޯގެ ޒިންމާތަކަށް ބަލާއިރު، އޭސީސީން ތަހުގީގުކުރާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމާއި، ތަހުގީގުތަކަށް މުވައްޒަފުން ހާޒިރުކުރުމުގައި އެއްބާރުލުން ދިނުން ހިމެނޭ." އޭސީސީން ބުންޏެވެ.

އޭގެ އިތުރުން ސްޓެލްކޯގައި އެންޓި-ކޮރަޕްޝަން ޕޮލިސީތައް ގާއިމުކުރުމާއި، އެ ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ފުރުސަތު ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ނިންމާފައިވެއެވެ.

އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުންވެސް ހިމެނެކަމަށް އޭސީސީން ބުންޏެވެ.