ރާއްޖޭގެ އިގުތިސޯދީ ދުވެލި ހަލުވި ކުރުމަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އެއާޕޯޓުން އުފުލި ޓްރާންޝިޕްމަންޓް މުދަލުގެ އަދަދު 2,000 ޓަނުން މައްޗަށް އަރައި ތާރީހީ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހަކީ ވީއައިއޭ ގެ ތާރީހުގައި ރާއްޖެއިން ބޭރަށް އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ ފޮނުވި މަހެވެ.
މި މުއްދަތުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައިވާ އިރު، މިއީ މީގެ ކުރިން ވީއައިއޭ އިން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް މުގުރާލި ބޮޑު ކުރިއެރުމެކެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި މި ކާމިޔާބީއަކީ ވީއައިއޭ އިން ކުރިއަށް ގެންދާ ސީ-ޓު-އެއާ އަދި އެއާ-ޓު-އެއާ އޮޕަރޭޝަންތަކަށް ލިބުނު ބޮޑު ތަރުހީބުގެ ނަތީޖާއެކެވެ. ހާއްސަކޮށް، ކަނޑުމަގުން މުދާ ގެނެސް ވައިގެ މަގުން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވައިދޭ ސީ-ޓު-އެއާ ހިދުމަތަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް 621 ޓަނުގެ މުދާ ވަނީ ފޮނުވައިފައެވެ. މިއީ މި ހިދުމަތް ރާއްޖޭގައި ތައާރަފު ކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރުކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން އަންނަނީ އެއާޕޯޓުގެ ވަސީލަތްތައް ތަރައްގީކޮށް، ކާގޯ ހެންޑްލިންގް ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަލީ ޔާމިން
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ކޮމެންޓް