މާލޭގެ މައި މަގު ކަމަށްވާ އަމީނީމަގުގެ ހަލާކުވެފައިވާ ބައިތައް މަރާމާތު ކުރުމަށްޓަކައި އެ މަގުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަސައްކަތް ފެށުމާއެކު މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތެވެ.
މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއުގެ ދަށުން، މިހާރު ވަނީ މަސައްކަތަށް ބޭނުންވާ ސާވޭތައް ފުރިހަމަކޮށް، އަމަލީ މަސައްކަތްތައް ފަށައިފައެވެ.
ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންމި އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ މި ސަރަހައްދު މިހާރު ވަނީ ބައެއް ހިސާބުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހާއްސަކޮށް މަގުގެ ހުޅަނގު ފަރާތުގެ ހާލަތު ގޯސްވެފައިވާ އިރު، ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މިފަދައިން މަގު ހަލާކުވެފައި ވަނީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް، ބަރު އުޅަނދުތައް ދުއްވުމުންނެވެ.
މި މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ރޭ 12:00 އިން ފެށިގެން ވަނީ ބަންދުކޮށްފައެވެ.
މި ބަދަލުތަކުގެ ސަބަބުން އެމްޓީސީސީން ފޯރުކޮށްދޭ ބަސް ދަތުރުތަކަށް ވަނީ ވަގުތީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ރޫޓް-10 (އޯކިޑް ރޫޓް)ގެ ދަތުރުތައް ފަށާނީ އަދި ނިންމާނީ ވެސް ވެސްޓު ޕާކު ބަސް ސްޓޮޕުންނެވެ.
މި ބަދަލާއެކު ސެގްމަންޓް-1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރު، އައިޖީއެމްއެޗް، އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ހުއްޓިތަކަށް މި ރޫޓުގެ ބަސްތައް މަޑު ނުކުރާނެއެވެ. އަދި އަމީނީމަގު ސެގްމަންޓް-1ގެ މަސައްކަތް ނިމެންދެން ރޫޓް-11ގެ ބަހުގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑޭނެ ކަމަށާއި ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި ކަނޑައަޅާފައިވަނީ މާފަންނު ބަސް ޓާމިނަލް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މަގު ހެދުމުގެ އެ މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އެހެންކަމުން އެ ތާރީހާ ހަމައަށް އެ ސަރަހައްދުގެ މަގުތައް އާންމުންނަށް ބަންދުވާނެ ކަމަށް ބުނެފައިވެއެވެ.
އަލީ ޔާމިން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް