ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފައިވަނީ ގޯސްކޮށް ކަމަަށްވާތީ އެކަމުގެ ސަބަބަބުން ލިބިފައިވާ ގެއްލުންތައް ބެލުމަށް އޮޑިޓެއް ހަދަން އޮޑިޓާ ޖެނެރަލް އަށް ހުށަހަޅުއްވާފައިވާ ކަމަށް، މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ފެންވަރު ނެތިސް ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރީ ސަރުކާރުން ފެނަކައާ އެތައް ބައިވަރު މަޝްރޫއުތަކެއް ހަވާލުކުރުމުން، ޖެހިގެން އަންނަ ދުވަހު އެ މަޝްރޫއުތައް، ވަކި ބަޔަކަށް ފައިދާވާގޮތަށް ސަބް ކޮންޓްރެކްޓް ކޮށްފައިވާ މައްސަލައާ ބެހޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ، ފެނަކައަކީ އެ މަަސައްކަތް ކުރުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް އަދި ހިސްޓްރީއެއް ނެތް ކުންޏަކަށްވާ އިރު، ކުރީ ސަރުކާރުން 20 ރަށެއްގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ހަވާލު ކުރާއިރު ޖެހިގެން އަންނަ ދުވަހު އެ މަސައްކަތްތައް ސަބް ކޮންޓްރެކްޓަށް އެހެން ކުންފުނިތަކަށް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ވެސް އެކަމުގެ ތަޖުރިބާ ނެތް ކުންފުނިތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާލިއްޔަތުގެ ގަވާއިދުގައި މަނާކަމެއް މަޝްރޫއެެއް ސަރުކާރު ކުންފުންޏަކާ ހަވާކު ކުރުމަށްފަހު މުޅި މަޝްރޫއު އެއްކޮށް ސަބް ކޮންޓްރެކްޓް ކުރުމަކީ، ނަމަވެސް ފެނަކައިން ހުރީ އެ އުސޫލާ ހިލާފަށް މުޅި މަޝްރޫއު ސަބް ކޮންޓްރެކްޓްކޮށްފައި،"

އެގޮތަށް ކުންފުނިތަކާ މަސައްކަތް ހަވާލު ކުރުމަށްފަހު، އެޑްވާންސް ފައިސާ ވެސް ހުރީ ދީފައި ކަމަށާއި އެ ކުންފުނި ތަކުން ކޮންމެސް ވަރަކަށް މަސައްކަތް ކުރި ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ކަމުން އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ އެެހެން ގޮތެއް ނެތިގެން، ޓާމިނޭޓްކޮށް އެ މަސައްކަތްތައް އެމްޑަބްލިއުއެސްއީ އާ ހަވާލުކުރީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން ރިފާއު މިނިސްޓަރުގެ ކިބައިން އެދުނީ، މާލިއްޔަތުގެ ގާނޫނާ ހިލާފަށް އެކަންތައްތައް ހިނގި އިރު، އެކަމުގައި ހިމެނޭ ފަރާތްތައް ހާމަކޮށްދިނުމަށެވެ. އެއާއެކު އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން ފެނަކައިގެ އެއްވެސް މައްސަލައެއް ދައުލަތުން ނުވަތަ މިނިސްޓްރީން ބަލަމުންދޭތޯ ވެސް މެންބަރު ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެގޮތަށް ކަންކަން ހިނގާފައި އޮތުމުން، އޭރު ދައްކާފައި އޮތް އެޑްވާންސް ފައިސާ ވެސް ރިކަވާ ނުކުރެވުމާ ގުޅިގެން ފެނަކައަށް ވަަރަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ފެނަކައިގެ މެނޭޖްމެންޓުން ބުނެފައިވާ ކަމަށެވެ.

އެހެންކަމުން އެކަމުގައި ކިހާވަރެއްގެ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ އޮޑިޓެއް ހެއްދުމަށް އޮޑީޓާ ޖެނެރަލްއަށް ސިޓީ ފޮނުއްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަމުގައި ޒިންމާވަނީ ކޮން ބައެއްތޯ، ދީފަހުރި އަގުތަަކީ އެކަށީގެންވާ އަގުތަކެއްތޯ، އެ މަސައްކަތްތައް ސަރުކާރުން ފެނަކައާ ހަވާކުކުރީ އެކަށީގެންވާ އަގެއްގައިތޯ، މިހުރިހާކަމެއް ބަލައިފަ އެނގޭނީ،"