އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަކަށް، އީރާނުގެ ބަނދަރުތަކަށް އަމާޒުކޮށް އެމެރިކާއިން އަލުން ފެށި ކަނޑުގެ ބްލޮކޭޑްގެ ދަށުން 35 އާއި 38 އާ ދެމެދުގެ އަދަދަކަށް ވިޔަފާރި ބޯޓުފަހަރުގެ މިސްރާބު ބަދަލުކުރުވާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވާ ގޮތުގައި، މި ބްލޮކޭޑް އަލުން ތަންފީޒުކުރަން ފަށާފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ. މި ފިޔަވަޅަކީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް އީރާނުން ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެމެރިކާއިން ބުނެއެވެ. ބްލޮކޭޑްގެ ދަށުން އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ ބޯޓުފަހަރެއް ހުއްޓުވުމުގެ މަސައްކަތް އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ ކުރަމުންނެވެ.
މި އޮޕަރޭޝަންގެ ތެރެއިން، އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއިން އެމެރިކާގެ މެރިން ކޯޕްސްގެ އެފް-35ސީ މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓެއް ވަނީ އުދުއްސާލާފައެވެ. ސެންޓްކޮމްއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި މަނަވަރާއި ފައިޓަރ ޖެޓްތައް ދަނީ ބްލޮކޭޑް ތަންފީޒުކުރުމުގެ މަސައްކަތުގައި ސީދާ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން، މެދުއިރުމަތީގައި އެމެރިކާގެ 20 އަށްވުރެ ގިނަ މަނަވަރު ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ސެންޓްކޮމްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބްލޮކޭޑް ފެށި ފަހުން މިހާތަނަށް 35 ވިޔަފާރި ބޯޓެއްގެ މިސްރާބު އަނބުރާލާފައިވާއިރު، ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ އަދަދު 38 އަށް އަރައެވެ. މީގެ އިތުރުން، ބައެއް ބޯޓުފަހަރަށް އަރައި ފާސްކޮށްފައިވާ ކަމަށާއި، އަމުރަށް ތަބާނުވި ބައެއް ބޯޓުފަހަރަށް ހަމަލާދީ ހުއްޓުވާފައިވާ ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
މި ބްލޮކޭޑްގެ މައިގަނޑު ބޭނުމަކީ އީރާނުގެ ތެޔޮ އެކްސްޕޯޓުކުރުން ހުއްޓުވައި، އެ ގައުމަށް ލިބޭ އާމްދަނީއަށް ހުރަސްއެޅުން ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ. ބްލޮކޭޑްގެ ސަބަބުން އީރާނަށް ދުވާލެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވަމުންދާ ކަމަށް އެމެރިކާއިން އަންދާޒާކުރެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް