އެމެރިކާގެ ސިޔާސަތުތަކުގެ ސަބަބުން އީރާނުގެ ފައިސާގެ އަގު ވެއްޓެމުންދާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

ޓްރޫތު ސޯޝަލް ޕްލެޓްފޯމުގައި ޓްރަމްޕް ހިއްސާކުރެއްވި ޗާޓަކާ ހަވާލާދީ ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގުތިސޯދަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.

ޓްރަމްޕް އާންމުކުރެއްވި ޗާޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާ ޑޮލަރަކަށް 9 ލައްކަ އީރާން ރިޔާލު ލިބެން ހުރި ނަމަވެސް، 2026 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް އައިއިރު އެ އަދަދު ވަނީ 1.9 މިލިއަނާ ގާތްކުރާ މިންވަރަކަށް ވެއްޓިފައެވެ.

އީރާނުގެ ފައިސާގެ އަގު މިހާ ބޮޑަށް ދަށަށް ގޮސްފައިވަނީ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އިންފްލޭޝަން މަތިވުމާއި، އިގުތިސޯދީ ނުތަނަވަސްކަމުގެ އިތުރުން ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް ގަލްފް ނިއުސް ފަދަ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، އާންމު ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލިފައިވާ ކަމަށްވެސް އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރު އީރާނުގެ އިގުތިސޯދު 6.1 އިންސައްތަ ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ. އަދި އެ ގައުމުގެ އިންފްލޭޝަން ރޭޓު 68.9 އިންސައްތައަށް އަރާނެ ކަމަށްވެސް އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ. ފައިސާގެ އަގު ވެއްޓުމާ ގުޅިގެން، އީރާނުގައި މަހެއްގެ މައްޗަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަމަށްވާ 166 މިލިއަން ރިޔާލުގެ އަގު މިހާރު ވަނީ ގާތްގަނޑަކަށް 87 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ.

ޓްރަމްޕް މި މައުލޫމާތު ހާމަކުރައްވާފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން އެމެރިކާއިން އީރާނަށް އަޅާފައިވާ އިގުތިސާދީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމެރިކާއިން އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.