އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އެ މަރުކަޒަށް އަމާޒުކޮށް އީރާނުން ފޮނުވާލި ހުރިހާ މިސައިލެއް ވަނީ ވައްޓާލައިފައެވެ.

މި ހަމަލާތަކުގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ދެ ބޯޓަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ބުނެފައެވެ.

އައިއާރްޖީސީން ބުނާ ގޮތުގައި އެ ބޯޓުތަކަށް ހަމަލާދިނީ އެމެރިކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ހުއްދަ ނެތް މަގަކުން ދަތުރުކުރަން އުޅުމުންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެމެރިކާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ އަސްކަރިއްޔާގެ މޭޖަރ ޖެނެރަލް އަލީ އަބްދުﷲހީ ވަނީ ސަރަހައްދުގެ ގަލްފު ގައުމުތަކަށް އިންޒާރުދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއާ ގުޅިގެން މަސައްކަތްކުރާ ކޮންމެ ގައުމެއްވެސް “ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ” އެވެ. އަދި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް ޖާގަދޭ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިން ތިބީ ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރުވެގެން ކަމަށެވެ.