މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ އިންޒާރާއެކު އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން ގައުމުން ފައިބަމް ނުވަތަ ފައިބަން ތައްޔާރުވެ ތިބުމަށް މެދުއިރުމަތީގެ ފަސް ގައުމެއްގައި ހުންނަ އެމެރިކާގެ އެމްބަސީތަކުން މިއަދު އަންގައިފިއެވެ. މި އިންޒާރު ނެރެފައިވަނީ އުރުދުންގެ އައްމާނާއި، ގުދުސްއާއި، އޮމާންގެ މަސްކަތާއި، އިރާގުގެ ބަގުދާދުގެ އިތުރުން ލުބުނާނުގެ ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީތަކުންނެވެ.
މި އެމްބަސީތަކުން ސޯޝަލް މީޑިއާގައި އާންމުކުރި ސެކިއުރިޓީ އެލާޓްތަކުގައި ބުނެފައިވާ ގޮތުގައި، ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ވައިގެ ދަތުރުފަތުރުތައް ކެންސަލްވުމާއި، ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ އިތުރުން ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ދަތުރުތަކުގެ މައުލޫމާތު ކަށަވަރުކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ސަމާލުވުމަށް އެމެރިކާގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަމަނުޖެހުން ބޮޑުވެއްޖެނަމަ ފައިބަން ތައްޔާރުވެ ތިބުމަށް ވެސް އެމްބަސީތަކުން ވަނީ އަންގާފައެވެ.
ގުދުސްގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނު ސަރުކާރަކީ ކުރިއަށް އަޅާނެ ފިޔަވަޅެއް ލަފާކުރަން ދަތި ސަރުކާރެއް ކަމަށެވެ. އެގޮތުން، އެއްވެސް އިންޒާރަކާ ނުލައި ސަރަހައްދުގެ އެކި ތަންތަނަށް ހަމަލާދިނުމާއި، ކުރިން ހަމަލާދީފައިނުވާ މިސްރު ފަދަ ގައުމުތަކަށް ހަމަލާތައް ފުޅާކުރަން އީރާނުން ނިންމާފައިވާކަން އެ އެމްބަސީން ފާހަގަކުރިއެވެ. މިދިޔަ ބުދަ ދުވަހު މިސްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ގޭސް ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފައިވާކަން ވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން، ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނި ގޮތުގައި، އެ އެމްބަސީ އަދިވެސް އޮތީ މަޖުބޫރުން ފައިބަން ޖެހޭ ހާލަތުގައެވެ. މީގެ މާނައަކީ އެމެރިކާ ސަރުކާރުގެ އާންމު މުވައްޒަފުން އަދިވެސް ތިބީ ލުބުނާނުން ބޭރަށް ބަދަލުކޮށްފައި ކަމަށް އެ އެމްބަސީން ހާމަކުރިއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް